ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޝެއިޚް އިމްރާން އަބްދުﷲ އެ މަގާމަށް އަލުން އައްޔަން ކުރައްވައިފި އެވެ.
ރައީސް ގެ ތަރުޖަމާނު އިބްރާހީމް ހޫދު ވަނީ ދާދި ދެންމެ "ވަން އޮންލައިން" އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އިމްރާން އިސްތިއުފާދެއްވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ހޫދު ވިދާޅުވީ ހޯމް މިނިސްޓަރު ކަމުން އިމްރާން އިސްތިއުފާ ދެއްވީ މަގާމަށް އައްޔަން ކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން ކަމަށެވެ.
"އެއީ ހަމަ ޕްރޮސީޖަރަލް ކަމެއް. އިމްރާން ބޭނުންފުޅުވީ އިސްތިއުފާދެއްވާފަ ރީ އެޕޮއިންޓްވެވަޑައިގަންނަވަން." ހޫދު ވިދާޅުވި އެވެ.
ހޫދު އެހެން ވިދާޅުވި އިރު، އިމްރާން އަބްދުﷲ ހޯމް މިނިސްޓަރު ކަމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ހަމަޖެއްސުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރައްދުވެފަ އެވެ. އެއީ އޭނާގެ މައްޗަށް ގާނޫނީ ހުކުމެއް އޭރު އޮވެ އެ ހުކުމް ތަންފީޒުކުރުން ފަސްކުރި ނަމަވެސް ހުކުމް ދެމިއޮތުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލުވެސް ކޮށްފަ އެވެ.