ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި އޭނާއަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން ދާދި ދެންމެ ހުކުމް ކޮށްފި އެވެ.
ފުލުހުންގެ ސިއްރުތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި ހަމީދު ވަޒީފާއިން ވަކިކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޯގަސްޓު މަހުއެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ހަމީދު ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާ ދިނުމާ ހަމައަށް އޭނާގެ މުސާރަ އާއި އިނާޔަތް ދޭން ޖެހޭނެ ކަމަށެވެ.
ހަމީދު ވަޒީފާއިން ވަކި ކުރުމާ ގުޅިގެން އެ މައްސަލަ ހަމީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
ހަމީދުގެ ފަރާތުން ހައި ކޯޓުގެ ހުކުމް ވަނީ ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ސުޕްރީމް ކޯޓުން އޭރު ނިންމީ އެ މައްސަލަ ބަލައި ނުގަތުމަށެވެ.
އެމައްސަލަ އަލުން ރިވިއުކުރުމަށް ހަމީދު ސުޕްރީމް ކޯޓަށް ހުށަހެޅީ ރިޔާސީ އިންތިޚާބަށްފަހު އެވެ.
ރިވިއު ކުރުމަށް ހުށަހެޅުމުން ދައުލަތުން ބުނެފައި ވަނީ ހަމީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ.