އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންނަމަ، ކޮވިޑް 19އިގެ މިހާލަތުގައި، ކުންފުނިތަކުންނާއި އެކި ތަންތަނުން ވަޒީފާއިން ވަކިކުރާ މީހުންނާމެދު ކަންތައްތައް ކުރާނެ ގޮތް ގާނޫނަކުން ކަނޑައެޅިދާނެ ކަމަށާއި، ނުވަތަ ވަޒީފާއިން ވަކިކުރަމުންދާ ކުންފުނިތަކަށް އުގޫބާތް ދިނުމަށް ކަނޑައެޅިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިއަށްދާ ބަހުސްގެ ތެރެއިން މިއަދުގެ ޖަލްސާ މެދުކަނޑާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިހެން ދިމާވެފައިވާ މި ހާލަތުގައި އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާކަން މެންބަރުން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރިސޯޓްތަކުން ފޮނުވާލި އެތައް މުވައްޒަފުންނެއް ހުސްއަތާ އެމީހުންގެ ރަށްރަށަށް ދާން ޖެހިފައިވާކަން މެންބަރުން ފާހަގަ ކުރެއްވިކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، "ވަކި ކުންފުނިތައް ކަމަށް ވިޔަސް، ސަރުކާރު ކަމަށް ވިޔަސް، މިނިވަން މުއައްސަސާތައްވިޔަސް، އެތަންތަނުން އަމަލުކުރަންވީ ގޮތް ކަނޑައަޅަނީ މި އިއްޒަތްތެރި މަޖިލީހުން ހަދާ ގާނޫނަކުން،" ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވާ ނަމަ، އެގޮތަށް މަސައްކަތްތެރިން ވަޒީފާއިން ވަކިކުރާ ފަރާތްތަކާމެދު ކަންތައްތައް ކުރާނެ ގޮތެއް ގާނޫނުން ކަނޑައެޅިދާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން މަޖިލީހުން އެގޮތަށް ކަނޑައަޅާ ގާނޫނާ އެއްގޮތަށް އެފަރާތްތަކުން ކަންތައް ނުކޮށްފިނަމަ އޮންނަ އުގޫބާތްވެސް ގާނޫނަކުން މެންބަރުންނަށް ކަނޑައެޅިދާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވެފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގައި ބަހުސް ކުރަމުންދާއިރު އެކަންކަމާމެދު މެންބަރުން ވިސްނާވަޑައިގަންނަވާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް، ވިޔަފާރިތަކަށް 2.5 ބިލިޔަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ކަނޑައަޅާފައި ވަނިކޮށް ވަޒީފާތަކުން މީހުން ވަކިކުރާ މައްސަލައިގައި މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
ހާއްސަކޮށް ނޯޕޭލީވް ނެގުމަށް ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް މަޖުބޫރު ކުރުވުމާއި އެހެން ތަންތަނަށް ބަދަލު ކުރުމުގެ އިތުރުން ވަޒީފާއިިން ވަކިކުރާ ގިނަ މައްސަލަތަކެއް މެންބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ.