ރައްޔިތުންގެ މަޖިލިސް

ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ތިން ޕަސެންޓަށް ކުޑަކުރުމަށް ގޮވާލައިފި

އިބްރާހިމް ޒަކީ

އިގްތިސާދާއި ކިޔެވުމަށް މިހާތަނަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ތިން ޕަސެންޓަށް މިހާރުން މިހާރަށް ކުޑަކޮށް، މީގެ ފަހުން އިގްތިސާދީ ކަންކަމަށް ދޫކުރާ ލޯންތަކުގެ އިންޓްރެސްޓް ފަސް ޕަސެންޓަށްވުރެ ބޮޑު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދު ރަޝީދު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން މުޅި ގައުމުގެ އިގްތިސާދު އިނދަޖެހިފައިވާ ކަމަށާއި ޓުރިޒަމް ފުނޑުފުނޑުވެފައިވާކަމަށެވެ.

މިދަނޑިވަޅުގައި ކުދިވިޔަފާރިތަކާއި މެދު ވިޔަފާރި ތަކާއި ޓޫރިޒަމާއި ޓެކްސީތަކާއި ބޯކޮށާ ވިޔަފާރިއާއި ސައިހޮޓާަތައްފަދަ ވިޔަފާރިތަކަށްވެސް ގޮތްތަކެއް ހޯދަދޭންޖެހޭ ކަަމަށެވެ.

މީގެ އިތުރުން ވަޒީފާއިންވަކިވާ ފަރާތްތަކާއި، އާމްދަނީ ނުލިބޭ ފަރާތްތަކަށްވެސް އުސޫލެއްގެ ދަށުން ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، އެންމެންގެ އަތް ބަނދެވިފައިވާ މި ދަނޑިވަޅުގައި އިގްތިސާދަށް އެންމެބޮޑު އަޅާލުމެއް ދެވޭނެ އެންމެ ހާއްސަ ފަރާތަކީ، ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް ކަމަށެވެ.

ސަބަބަކީ ދައުލަތުގެ ހުރިހާ ފައިސާ އަކާއި، ފެންޝަްނ ފަޑުގެ ހުރިހާ ފައިސާ އަކާއި، ގިނަ ދިވެހި ރައްޔިތުންނާއި، ވިޔަފާރި ތަކާއި، އިގްތިސާދީ މަސައްކަތްތައްްކުރާ ފަރާތްތަކުން އޮޕަރޭޓް ކުރަނީ އެ ބެންކުގައި ކަމަށްވެފައި، 2006 ވަނަ އަހަރުންފެށިގެން ސަރުކާރަށް ބޭރުގެ އެހީދޭ ފަރާތްތަކުންނެގި އެތައް މިލިޔަން ޑޮލަރުގެ ލޯނާއި ދައުލަތުގެ ބަޖެޓްގައި ހިމެނިގެން ގައުމުގެ އިގްތިސާދަށާއި، ކިޔެވުމަށާއި އެހެނިހެން ދާއިރާތަކަށް އެތައް މިލިޔަން ރުފިޔާގެ ފަނަޑު މަޖިލީހުން ފާސްކޮށްގެން ބެންކާ ހަވާލުކޮށްފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފައިސާ އަކީ ދިވެހިންގެ ފައިސާ ކަމަށާއި، މިހާތަނަށް އެކި ކަންކަމަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ތިން ޕަސެންޓަށް ދަށްކުރަން ގޮވާލާ ކަމަށާއި، ދެން ދޫކުރާ އިގްތިސާދީ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ފަަސް ޕަސެންޓަށްވުރެ މަތި ނުކުރުމަށް އަންގާ ކަަމަށެވެ.

އަދި މިހާރު ހުރި އިންޓްރެސްޓް ރޭޓަކީ ގައުމު މި އަނދަވަޅުން އަރައިގަނެވޭނެ ރޭޓެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.