އާ ގާނޫނު އަސާސީއަށް ފަހު މި ރާއްޖޭގައި ހަތަރު ވެރިކަން އުފެދުނު އެ ހަތަރު ވެރިކަން ވެސް ގެނައީ އެއް ބައެއް ކަމަށާއި އޭގެ ތެރެއިން ތިން ވެރިކަން ބަދަލުކުރީ ވެސް ހަމަ އެބޭފުޅުން ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް ޔާމީންގެ ލީގަލް އެފެއަޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
އާޒިމާ މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
އާޒިމާ ވިދާޅުވީ، ވެރިކަމަށް މީހުން ގެންނަނީ އަދި ވަކި ކުރަނީ ވެސް އެއްބަޔަކު ނިކުމެ ކަމަށް ވާތީ އާ ގާނޫނު އަސާސީގެ ދަށުން މިހާރު ވެރިކަން ކުރައްވާ ހަތަރު ވަނަ ރައީސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުވިޔަ ނުދިނުމަށް ކުރަން ޖެހޭނެ ކަމެއް ކަމަށް އެމްޑީޕީއަށް ފެންނަ ކަންކަން އެޕާޓީން ކުރާނެ ކަމަށެވެ.
އަނާރާ ނައީމުގެ ޓުވީޓެއް ޓެގު ކުރައްވައި، އާޒިމާ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމި ނިންމުމާ މެދު މިބޭބޭފުޅުން ޝަކުވާ ކުރައްވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
"އެބޭބޭފުޅުން، އަދާލަތު، ޖޭޕީ އަދި އެމްއާރްއެމް ގައި ތިއްބެވި ބޭފުޅުން ހަނދުމަފުޅެއް ނެތްތޯ ރައީސް ނަޝީދު ވެރިކަމުން ބޭލީ އެބޭފުޅުން ކަމެއް؟ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ބޮޑު އެއްވުމާއި އޭގެ ކުރިޔާއި ފަހުގެ ކަންކަން ހަނދުމަފުޅު ނެތުނީތޯ؟ ހަތެއް ފެބުރުއަރީ 2012ގައި ފުލުސް އޮފީހުގެ ތެރޭގައި އުޅުއްވި މަންޒަރު ތަކުގެ ވީޑިއޯ ދިވެހިރައްޔިތުން ނުދެކޭތޯ؟" އާޒިމާ ސުވާލުކުރެއްވި އެވެ.
އާޒިމާގެ ޕޯސްޓުގައި ވަނީ މިއަދު މީ ވެރިކަމުގެ 16 ވަނަ ދުވަސް ކަމަށާއި ޖޭޕީން އެވަނީ އެމްޑީޕީގެ މަގާމާއި މަޖިިސްގައި އެމްޑީޕީ ފަހަތަށް ޖައްސާފައި ކަމަށް ވިދާޅުވެފަ އެވެ.
"ޖޭޕީއަށް މެންބަރުން ގެންދަވަނީ ކީއްވެތޯ އެމްޑީޕީން ސުވާލުކުރަން ނުޖެހޭތޯ؟ އަދިވެސް މިދިޔަ 15 ދުވަހުގެ މަންޒަރުތަކުން ސުވާލު ނުއުފެދޭތޯ؟" އާޒިމާގެ ޕޯސްޓުގައި ސުވާލުކުރައްވައިފައިވެ އެވެ.
އާޒިމާ މިހެން މިމޭރުމުން ޕޯސްޓެއް ކުރެއްވި އިރު، ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައި ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރާށެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މާޒީގެ ތަޖުރިބާއަށް ބަލާ އިރު، އެމްޑީޕީގެ ވެރިކަން ދެމެހެއްޓޭނީ އެމަގުން މަސައްކަތް ކޮށްގެންނެވެ.