މިންހާ ފާއިޒް ރަޝާދު
އޮފީހުގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމުން އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އަރިހުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ކަރަންޓީނުކޮށްފިއެވެ.
ނަތަންޔާހޫގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްފައި ވަނީ ޕޮޒިޓިވް ވި މުވައްޒަފާ ބޮޑު ވަޒީރާ ފާއިތުވި ދުވަސްކޮޅު ދިމާވެފައި ނުވި ނަމަވެސް އެބޭފުޅާ ކަރަންޓީނުގައި ހުންނެވީ ސަލާމަތީ ކަންކަމަށް ބައްލަވާފައި ކަމަށެވެ.
"ފާއިތުވި ދެހަފުތާގައިވެސް ބޮޑު ވަޒީރާ އެމުވައްޒަފާ ބައްދަލުވެފައެއް ނުވޭ. އެހެންވެ އަސްލު އޮންނަ ގޮތުން ކަރަންޓީނު ވާކަށް ނުޖެހޭ. ނަމަވެސް މިއީ ހަމަ ސަލާމަތަށް ބަލާފަ ކުރާކަމެއް." އެ ބަޔާނުގައި ވެއެވެ.
އެބަޔާނުގައި އިތުރަށް ބުނީ މުވައްޒަފު ޕޮޒިޓިވްވި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށާއި އެ އޮފީހުގައި މަސައްކަތް ކުރި އެހެން މުވައްޒަފުންވެސް ކަރަންޓީނު ކޮށް ބަލަމުން ގެންދާކަމަށެވެ.
އިސްރާއީލުގައި ކޮވިޑް19 އަށް 4800އަށް ވުރެ ގިނަ މިހުން ޕޮޒިޓިވް ވެފައިވާއިރު 18 މީހަކު ވަނީ މަރުވެފައެވެ. 160 އަށްވުރެ ގިނަ މީހުން ބަލިން ފަސޭހަ ވެފައި ވެއެވެ.
ފާއިތުވި ދުވަސްތަކުގައި ހުރިހާ ބައްދަލުވުންތައް ބޮޑު ވަޒީރު ކުރިއަށް ގެންދަވާފައިވަނީ ވީޑިއޯ ކޮންފެރެންސް މެދުވެރިކުރައްވައި ގެކޮޅުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.