އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އޮންލައިން ކޮށް ވާހަކަ ދައްކަވަން ފެއްޓެވިއިރު، ފަހަތުގައި ހުރި ފާރުފައި ސްކްރީނުން ފެން ގޮތަށް ހަރުކޮށްފައި ހުރި ޕޯސްޓަރު ހިިމެނޭ ބެކް ބަދަލު ކުރަން ރައްތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޝިޔާމަށް އަންގަވައިފިއެވެ.
ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް ކުރިއަށްގެންދާ ބަހުސްގެ ތެރެއިން މިއަދުގެ ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަން ފެއްޓެވިއިރު، ސްކްރީނުން ޝިޔާމުގެ ފަހަތުން ހުރި ފާރުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި، ފްރީ ޔާމީން ޖަހާފައިވާ ތިން ޕޯސްޓަރެއްގެ އިތުރުން އެހެން ތިން ޕޯސްޓަރެއްވެސް ފެންނަން ހުއްޓެވެ.
ބަހުސްގައި ޝިޔާމް ވާހަކަ ދައްކަވަން ފައްޓަވައިގެން ވަގުތުކޮޅެއް ދިޔަ ފަހުން މަޖިލިސް ރައީސް ވަނީ ސްކްރީންގެ ބެކް ބްލާ ކުރުމަށް ޝިޔާމަށް ދަންނަވައިފައެވެ.
މަޖިލިސް ރައީސް ޝިޔާމަށް ވިދާޅުވީ، ކޮމްޕްގެ ސްކްރީނުން ފެންނަ މޯއެކްޝަނުން ބްލާޑް ބެކްގްރައުންޑް އަށްގޮސް ސްކްރީންގެ ބެކް ފުސްކޮށްލުމަށެވެ.
އެކަމާ ގުޅިިގެން އެ ބެކް ކަމުނުދަނީތޯ، ސުވާލު ކުރައްވައި ޝިޔާމު ވިދާޅުވީ އޭނާގެ ފަހަތުން ސްކްރީނުން ފެންނަން ހުރި ޕޯސްޓަރު ތަކަކީ، ކޮވިޑް 19 އާ ގުޅިގެން މަސައްކަތް ކުރަމުންގެންދާ ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވާ ޕޯސްޓަރެއް ކަމަށާއި، އަދި ގައުމަށް ނުލާހިކު ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ހިދުމަތްތެރިއެއް ދޫކޮށްލުމަށް ގޮވާލާފައިވާ ޕޯސްޓަރެއް ކަމަށެވެ.
ޝިޔާމުުގެ ސުވާލާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެ ބެކް ފުސް ކުރުމަށް ދެންނެވީ، މަޖިލީހުގެ މަސައްކަތްތަކުގައި އެއްވެސް ލޯގޯއެއް، ނިޝާނެއް، އަދި ޝިއާރެއް ބޭނުން ކުރުމަކީ މަޖިލިސް ގަވާއިދުން ހުއްދަ ކަމެއް ނޫން ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވުމުން ކަމަށެވެ.
އޭގެ ފަހުން ޝިޔާމު ވާހަކަ ދެއްކެވީ މަޖިލިސް ރައީސް ވިދާޅުވި ގޮތަށް ސްކްރީންގެ ފަހަތް ފުސްކުރައްވައިގެންނެވެ.