އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާ ގެއްލުނަ ނުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ 2.5 ބިލިޔަން ރުފިޔާގެ ބަދަލުގައި މިވަގުތު ކަނޑައަޅަން ޖެހޭނީ ފަސް ބިިލިޔަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް 2.5 ބިލިޔަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއްގެ ވާހަކަ ސަރުކާރުން ދައްކާއިރު، ހުސްވި 2019 ވަނަ އަހަރު އެކި ފަރާތްތަަކަށް ބަދަލުގެ ގޮތުގައިވެސް ސަރުކާރުން 2.4 ބިލިޔަން ރުފިޔާ ދީފައިވާ ކަމަށެވެ.
އެހެންކަމުން އިގްތިސާދު ރަނގަޅު ކުރުމަށް ހާލުގަިއ ޖެހުނު ފަރާތްތަކަށް ސަރުކާރުން ކަނޑައަޅާފައިވާ 2.5 ބިލިޔަން ރުފިޔާގެ ޕެކޭޖަކީ ވަރަށްކުޑަ މިންވަރެއް ކަަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ އެ އިގްތިސާދީ ޕެކޭޖުން މިހާތަނަށް އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ލިބިފައިނުވާ ކަަމަށެވެ. އަދި ވަޒީފާ ގެއްލޭ މީހުންގެ އަދަދުވަނީ އިތުރު ކަަމަށާއި، ޓޫރިޒަމް ދާއިރާއިން ބާކީވާމީހުންގެ އަދަދުވެސް ވަނީ އިތުރުކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ކަނޑައަޅާފައިވާ އަަދުގެ 15 ޕަސެންޓަކީ ހިލޭ އެހީ ކަމަށެވެ. އަދި 300 މިލިޔަން ޑޮލަރު އިންޑިއާއިން ދޭނެ ކަަމަށް ސަރުކާރުން ބުނެފައިވާއިރު، މިހާތަނަށް ލިބުނީ އެންމެ 10 މިލިޔަން ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ދަނޑިވަޅަކީ ޒިންމާދާރު ދައުލަތެއް އޮތްކަން އެނގެންޖެހޭ ވަގުތު ކަމަށެވެ.
އެގޮތުން ވަޒީފާތަށް ގެއްލި ނިކަމެތިވަމުންދާ ފަރާތްތަކަށާއި، މަސްވެރިންނާއި ދަނޑުވެރިންނަށް މިދަނޑިވަޅުގައި ސަރުކާރުން ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.