އިބްރާހިމް ޒަކީ
ކޮވިޑް 19 ގެ ސަބަބުން އިގްތިސާދަށް ދިމާވެފައިވާ ކަންތައްތަކުން އަރައިގަތުމަށް ހިންގާ ޕްރޮގްރާމަށް ޗީފް ފައިނޭޝަލް އޮފިސަރެއް ކަނޑައަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އިލިޔާސް ލަބީބު ވިދާަޅުވީ، ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްސާދީ ހީނަރުކަމުން އަރައިގައުމަށް ކުދި ވިޔަފާރިތަކާއި، މެދު ވިޔަފާރިތަކައި ރިސޯޓުތަކާއި އެހެނިހެން އެކި ފަރާތްތަކަށް ސަތާތު ސްކީމުުގެ ތެރެއިން ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެފައިސާ ދޫކުރާނެ އުސޫލެއް ކަނޑައަޅައި، ފައިސާ ދޫކުރާނެ ފަރާތްތައް ގިންތިކޮށް، ހުރިހާ ފަރާތްތަކަށް ހަމަހަމައުސޫލުން އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިލިޔާސް ވިދާޅުވީ އެކަންތައްތަކީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީންވެސް ބަލަންޖެހޭ ކަމެއް ކަމަށެވެ. އަދި ކޮމިޓީތަކުން އެކަންތައްތައް ދިރާސާކުރުމަށްފަހު ފެންނަ ލަފައަކާ އިރުޝާދެއް ރައީސުލް ޖުމްހޫރިއްޔާއަށް އަރުވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އިލިޔާސް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
އަދި އެ ހުރިހާކަމެއް ކުރިއަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ އެއް މެއިންޑޭޓަކީ ފާރަވެރިވުން ކަމަށާއި، މިވަގުގުގައި ގާނޫނީ ދައުލަތެއް ހިންގުމަށް މަޖިލީހުން އެހީތެރިވާން ޖެހޭ ކަމަށެވެ.
އަދި މިކަންތައްތަކުން އެނބުރިލާއިރު ސަރުކާރުން ގާނޫނާހިލާފަށް، ގަވާއިދާ ހިލާފަށް، ކަމެއް ކޮށްފައި އޮންނަތަންދެކެން ބޭނުން ނުވާތީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭތީ، ޗީފް ފައިނޭޝަލް އޮފިސަރެއް ކަނޑައަޅަން ޖެހޭ ކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.