އިންޑިއާ

ކޮވިޑް 19 : ދިއްލީގައި ކުޅިވަރު ކުޅޭ ސްޓޭޑިއަމްތައް ކަރަންޓީނު ފެސިލިޓީއަކަށް

މިންހާ ފާއިޒް ރަޝާދު

އިންޑިއާގައި ކޮވިޑް19 ފެތުރުން މަދުމަދުން ނަމަވެސް އިތުރުވަމުން ދާތީ، އެގައުމުގެ ކެޕިޓަލް ސިޓީގެ ކުޅިވަރު ކުޅޭ ސްޓޭޑިއަމް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމައިފިއެވެ.

ދިއްލީން ބޭނުން ކުރަން ނިންމާފައިވާ ޖަވަހަރާލް ނެހްރޫ ސްޓޭޑިއަމަކީ 60000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. މި ސްޓޭޑިއަމުގެ އިތުރުން ހަރްޔާނާގައި ބޮކްސިން ސެންޓަރަކާއި ޕަންޖާބް ގައި ޓްރެއިނިން ގްރައުންޑެއްވެސް ވަނީ ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކޮށްފަ އެވެ.

އިންޑިއާގެ އާބާދީ ބޮޑުކަމުން ގިނަ ބަޔަކަށް ބަލިޖެހިއްޖެ ހިނދެއްގައި މީހުނަށް ބޭނުންވާ ފަރުވާދިނުން އުނދަގޫވެދާނެ ކަމުގެ ބިރުއޮތީ ބޮޑުވެފައެވެ. އެގައުމުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ކޮންމެ 10000 މީހަކަށް ހުރީ އަށް ޑޮކްޓަރުންނެވެ. އިޓަލީގައި ބަލި އެންމެ ބޮޑަށް ފެތުރިފައިވާއިރު އެގައުމުގައިވެސް 10000 މީހަކަށް 41 ޑޮކްޓަރުން ތިއްބެވެ.

މީގެ އިތުރުން އައިސޮލޭޝަން އެނދާއި ވެންޓިލޭޓަރު އަދި އިންޓެންސިވް ކެއާ އެނދުވެސް މަދުވެދާނެކަމުގެ ބިރު އިންޑިއާގައި އޮތީ ބޮޑުވެފައެވެ. ނަރުހުން އިތުރު ކުރުމާއި ސިއްހީ އެހެން ހިދުމަތްތެރިންނަށް ބޭނުންވާ ތަމްރީނުވެސް އިތުރުކުރަން ޖެހޭ ކަމަށް އެގައުމުގެ ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

ކޮވިޑް 19 އިންޑިއާއިން ފެނުމާއެކު އެ ގައުމު ފުރަތަމަ ވެސް ވަނީ ލޮކްޑައުން ކޮށްފައެވެ. މި ލޮކްޑައުނާއެކު އިންޑިއާގެ ފަގީރު ގިނަ އާއިލާތަކެއް ދަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ.

މިހާތަނަށް އިންޑިއާގައި 1200އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު 32 މީހަކު ވަނީ މަރުވެފައެވެ. 102 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.