ލޮލަށް ފެންނަ ފެނުމުގައި، ކޮންމެ އަހަރަކުވެސް، އިރު އޭގެ ދެކުނު ދަނޑިން އުތުރު ދަނޑިއަށް ދަތުރު ކުރާ ކުރުމުގައި މާލެ ސަރަޙައްދުން ދަތުރު ކުރަނީ، މާރިޗު މަހުގެ 30 ނުވަތަ 31 ވަނަ ދުވަހުއެވެ.
މިގޮތުން، މިއަހަރު، އިރު، ދެކުނު ދަނޑިން ފެށި ދަތުރުގައި ޚައްޠުއިސްތިވާ (އީކުއޭޓަރ) އާ ހަމައަށް އާދެވުނީ، މި ހިނގާ މާރިޗު މަހުގެ 20 ވަނަ ދުވަހު ރާއްޖޭ ގަޑިން ހެނދުނު 8 ގަޑި 46 މިނެޓުގައެވެ. އޭރު، އިރުގެ ޠޫލް (ލޯންޖިޓިއުޑް) އަކީ 125 ޑިގްރީ އިރު އެވެ. މީގެ މާނައަކީ، އެދުވަހު، އިރު، ޚައްޠުއިސްތިވާގެ މައްޗަށް އައީ، އިންޑޮނީޝިޔާގެ ސަރަޙައްދެއްގެ މަތިން ކަމެވެ.
މާދަމާ މެންދުރު ރާއްޖެ ގަޑިން 12 ގަޑި 10 މިނެޓުގައި، މާލެއަތޮޅުގެ އިރު އުތުރުން ހެލެނގެލި ރިޒޯޓުން ފެށިގެން ހުޅަނގަށް އެރިއަދޫ އާއި، އަދި މާލެއަތޮޅުގެ އިރު ދެކުނުން އެނބޫދޫ ފިނޮޅުން ހުޅަނގަށް ވެލައްސަރާއި ދެމެދުގެ އެއްވެސް ހިސާބަކަށް، (ޗާޓު ބައްލަވާ!) އެގަޑީގައި ސީދާ އޮލަނބަށް ހުރި އެއްޗެއްގެ ހިޔަންޏެއް ނުހުންނާނެއެވެ.
ހަމައެއާއެކު، މިދުވަސްކޮޅު އާދަޔާ ޚިލާފަށް އަވަހަށް ރަތްވިލާ އޮއްސޭކަން ފާހަގަ ކުރެވޭނެއެވެ. އެއީ، އިރު، ޚައްޠުއިސްތިވާ ސަރަޙައްދުން ދަތުރު ކުރަމުންދާތީއާއި، އަދި އެ ސަރަޙައްދަކީ ދުނިޔޭގެ އެންމެ ފުޅާ ސަރަޙައްދު ކަމަށްވާތީ، ސިވިލް ޓްވައިލައިޓް، ނުވަތަ ރަތްވިލާ އަވަހަށް އޮއްސެނީއެވެ.
އިރު، އޭގެ އުތުރު ދަނޑިން ފެށިގެން ދެކުނަށްދާ ދަތުރުގައި، ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރު މަހުގެ 12 ހާތާނގައި މާލެ ސަރަޙައްދުން ދަތުރު ކުރާނެއެވެ. އެހެންކަމުން، އިރު، ކޮންމެ އަހަރަކުވެސް މާލެ ސަރަޙައްދުން ދެފަހަރު ދާނެއެވެ.
މިދަންނަވާލި ކަންކަމަކީ، ފަލަކީ ޢިލްމުގެ ތެރެއިން އެނގެން ހުންނަ ކަންކަމެވެ. ފަލަކީ ޢިލްމަކީ، ޝަރްޢީ ގޮތުން މުޢުތަބަރު ޢިލްމެކެވެ. މާތް اللّه ވަޙީ ކުރެއްވިއެވެ. ﴿ فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ﴾ (الأنعام : 96) މާނައީ: [އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ޢަޒީޒްވަންތަ ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ.]
އަދިވެސް ވަޙީ ކުރެއްވިއެވެ. ﴿ وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّـهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ . وَٱلْقَمَرَ قَدَّرْنَـٰـهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ . لَا ٱلشَّمْسُ يَنۢبَغِى لَهَـآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِۚ وَكُلٌّ فِى فَلَكٍ يَسْبَحُونَ ﴾ (يسٓ : 38 - 40) މާނައީ: [އަދި އިރު، އެއަށް ކަނޑައެޅި ޤަރާރުވަނިވި ތަނަކަށް ދާންދެން ހިނގަހިނގާ ހުރެތެވެ. އެއީ ޢަޒީޒްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ. އަދި ހަނދަށް ތިމަންރަސްކަލާނގެ މަންޒިލްތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާންދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާންދެނެވެ.) ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއް ނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.]
އަދިވެސް މާތް اللّه ވަޙީ ކުރައްވާފައިވެއެވެ. ﴿ هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْأَيَــٰتِ لِقَوْمٍ يَعْلَمُونَ ﴾ (يونس : 5) މާނައީ: [އެކަލާނގެއީ، އަލިކަމެއް ކަމުގައި އިރު ލައްވައި، ނޫރެއް ކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެހަނދު ހިނގުމަށް މަންޒިލްތަކެއް މިންވަރު ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ހިސާބު ދެނެގަތުމަށްޓަކައެވެ. ޙައްޤުގޮތުން މެނުވީ، اللّه، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ އާޔަތްތައް ތަފްޞީލުކޮށްދެއްވަތެވެ.]
ޝަރްޢީ ދަލީލުތައް މިހާ ޞަރީޙަކޮށް ހުރުމާއެކު، ވަގުތު ދެނެގަތުމުގެ އަސާސަކީ، އިރާއި، ހަނދާއި، ތަރިތައްކަން އެއްވެސް އޮޅުމެއްނެތް ގޮތުގައި އެނގެއެވެ.
އެޑިޓަރުގެ ނޯޓު: ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމުގެ އިލްމީ ލިޔުއްވުން ތަކަކީ ދިވެހީންގެ މެދުގައި މަގުބޫލު ލިޔުއްވުން ތަކެކެވެ. ދީނީ އެކި ކަހަލަ މައްސަލަތަކުގަ އާއި ފަލަކީ އިލްމުގެ ރޮނގުން، ވަކީން ހާއްސަކޮށް މުނާސަބު ވަގުތު ތަކުގައި މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ މިފަދަ އިލްމީ މަޒުމޫނުތައް ލިޔުއްވަމުންނެވެ. އެ ގޮތުން މި މަޒުމޫނަކީ ވެސް އެމަނިކުފާނުގެ އިލްމީ ލިޔުއްވުންތަކުގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ އަދި ހާލަތާއި ގުޅޭ މުނާސަބު ލިޔުއްވުމެކެވެ. މި މަޒުމޫނު "ވަން އޮންލައިން" ގައި ޝާއިއު ކުރުމުގެ ފުރުސަތު ދެއްވީ ރައީސް މައުމޫނަށް ޝުކުރު ދަންނަވަމެވެ.