ބީއެމްއެލުން ލޯނު ނަގާފައިވާ މީހުންނަށް ހަފުތާގައި ވަކިވަކިން ލޯނާ ބެހޭ މައުލޫމާތު ފޮނުވާނެ ކަމަށް ކޮވިޑް 19ގެ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މަބްރޫކު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބީއެމްއެލުން ކޮންމެ މީހަކު ނަގާފައިވާ ލޯނަކާ ގުޅިގެން ދެން ވާނެގޮތް ތަފްސީލުކޮށް އެނގޭ ލިޔުމެއް މި ހަފްތާގައި ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި އެސްޑީއެފްސީގެ ލޯނުތަކާ ގުޅިގެން އެކަންކަން ސާފުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ގެއްލުން ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އާއި އެސްޑީއެފްސީން މިހާރު ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަތަކެއް ހަމަޖައްސައިދޭނެ ކަމަށް މިދިޔަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ކޮވިޑް 19އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އިގުތިސާދީ އެހީތެރިކަމުގެ ޕެކޭޖެއް އެކުލަވާލާފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.