މަޖިލީހުގެ ރައީސް

މަޖިލިސް ރައީސް: އިއުތިރާފު ބަޔާންދެއްވާ! އެހެން ނޫނީ އުގޫބާތް އޮތީ މުޅި ރާއްޖޭގެ ރައްޔިތުންނަށް!

އިބްރާހިމް ޒަކީ

ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިން ސަލާމަތްވުމަށް ކުރަން އޮތް އެންމެ މުހިއްމު ކަމަކީ، ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކު އެވަގުތަކު ބައްދަލުވާ ފަރާތްތައް ދެނެގަނެ، އެބޭފުޅަކު އެގަޑީގައި ތިއްބެވި ތަނަކާއި ބައްދަލުވި ފަރާތްތަކުގެ ވާހަކަ ދައްކަަވައި، އަމިއްލައަށް ކޮންޓެކްޓް ޓްރޭސިިން ހެއްދެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް، މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މަދުވުމުގެ އެންމެ ބޮޑު ސަބަބަކީ ކޮންޓެކްޓް ޓްރޭސިން ވަރުގަދަވުން ކަމަށެވެ.

"އަޅުގަނޑަށް ފާހަގަވެފައި އޮތް ގޮތުގައި ރޯގާގެ ބަލިމަޑުކަމުގައި ތިބި މީހުންގެ އަދަދު މަދުވުމުގެ އެންމެ ސަބަބެއް ކަމަށް ބެލެވެނީ، ކޮންޓެކްޓް ޓްރޭސިން ހަރަކާތް، ބައްޔެއް ޖެހިފައިހުރި މީހަކު ފެނުނީމާ އޭނާއާ އޭނާއަށް ދެން ބައްދަލުވެފައި ތިބީ ކޮން ބައެއްތޯ ދެނެގަތުމުގެ ހަރަކާތް ރަނގަޅީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް އެހީތެރިވެދެވޭނެ އެންމެ މުހިއްމު އެއްގޮތަކީ، އަމިއްލައަށް ޓްރޭސިން ހައްދަވަމުން ގެންދެވުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެހެން އެކަން އޮތްއިރު، ބައެއް ބޭފުޅުންނަށް ނުބައިތަންތާގައި ނުބައި ގަޑިގަޑިތަކުގައި، ތިއްބެވުމުން އެވާހަކަ ދައްކަވަން ކެރިވަޑައިނުގަންނަވައި ތިއްބެވުމަކީ މިވަގުތުގައި ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. އެގޮތުން އެކަންކަމުގެ އިއުތިރާފު ބަޔާން ނުދެއްވައިފިނަމަ އެކަމުގެ އުގޫބާތް ލިބޭނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބައްދަލުވި ބޭފުޅެއްގެ ފަރާތުން މި ރޯގާ ޖެހެން މިއޮތީ، ދެން ބައެއް ބޭފުޅުންނަށް ނުބައި ތަންތާގައި، ނުބައި ގަޑިގަޑީގައި ތިއްބެވުމުން އެވާހަކަ ދައްކަވަން ކެރިވަޑައިނުގަންނަވައި ތިއްބެވުމަކީ މިވަގުތަށް ބުއްދިވެރި ކަމެއް ނޫން، އިއުތިރާފު ބަޔާން ދެއްވަންވީ އެހެންނޫނިއްޔާ އުގޫބާތް އަންނަން އޮތީ މުޅި ރާއްޖޭގެ ރައްޔިތުންނަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.