އިބްރާހިމް ޒަކީ
ކޮވިޑް 19އިގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ބޮޑެތި ދަތިކެއް ކުރިމަތިވުމުގެ ސަބަބުން، މީހުންގެ ވަޒީފާ ގެއްލި މުސާރަތައް ކުޑަވަމުންދާ މި ދަނޑިވަޅުގައި، އެފަދަ މީހުންނަށް ޕެންޝަން ފަންޑުން މިންވަރެއް ލިބޭނެ ގޮތް ހަމަޖެއްސުން މުހިއްމު ކަމަށް ވިދާޅުވެ އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.
ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައިގެން މިއަދު ކުރިއަށް ގެންދިޔަ މައްސަަލައިގެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، ކޮވިޑް 19 އިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގެއްލުން ލިބި އާއިލާތައް ނިކަމެތިވެފައިވާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި އެފަރާތްތަަށް ގޮތްތަކެއް ހަމަޖައްސަދޭން ޖެހޭ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
ކޮވިޑް 19 އާ ގުޅިގެން އިގްތިސާދު ދަށްވެ، ވަޒީފާ ގެއްލެމުންދާތީ އެކަން ހުއްޓުވުމަށް ވިޔަފާރިތަކަށް ލޯނުނިދުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީތެރިކަމުގެ ޕްރޮގްރާމަށް ދާއީދު ކުރައްވައި ވާހަަކަ ދައްކަވަމުން އެ މެންބަރުން ވިދާޅުވީ، ޕެންޝަން ފަންޑުގައި ގިނަ އަދަދެއްގައި ފައިސާހުރި ރައްޔިތުންވެސް އެބަތިބި ކަމަށެވެ.
އެހެންކަމުން އެފަދަ ފަރާތްތައްް މި އަޑިގަނޑުން އަރައިގަތުމަށް އެ ފަނޑުން އެހިތެރިކަން ފޯރުވޭނެގޮތެއް ހެދުން މުހިއްމުކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަައަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބަދުﷲ ވިދާޅުވީ، ޕެންޝަން ސްކީމުގެ ދަށުން ފަރުދުންގެ އަތުން މިވަގުތު ރައްކާ ކުރެވޭ ފައިސާއާމެދު ވިސްނަންޖެހޭ ކަމަށެވެ.
އެހެންކަމުން އެފަރާތްތަަކަށް މިވަގުތު ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ކޮންމެވެސް، މިންވަރެއް ޕެންޝަން ފަންޑުން ލިބޭނެގޮތް ހަދައިދިނުމަކީ މުހިއްމުކަމެއްް ކަމަށްވެސް ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ގިނަ ދުވަހު ޕެންޝަންގައި ތިއްބަވާފައިވާ ފަރާތްތަކެއް އެބަތިބި ކަމަށެވެ.
އެހެންކަމުން ޕެންޝަން ފަނޑުން އޭގެ ހައްގުވެރިންނަށް އެކަށީގެންވާވަރެއްގެ ފައިސާއެއްލިބި ކަންތައްތަކެއް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.