ރައްޔިތުންގެ މަޖިލިސް

އިންކަމް ޓެކްސް ނަގަން ޖެހޭ ވަގުތު މިވަނީ ޖެހިފައި: އީވާ

އިބްރާހިމް ޒަކީ

2

މަތީ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނަގަން ޖެހޭ ވަގުތު މިވަނީ ޖެހިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައިގެން މިއަދު ކުރިއަށް ގެންދިޔަ މައްސަަލައިގެ ބަހުސްގައި އީވާ ވިދާޅުވީ، ރާއްޖެއަށް ނުރައްކާތެރި މި ދަނޑިވަޅުގައި، ސަރުކާރުން ވަރުގަދަ ސިއްހީ މސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖެ އަލުންއަނބުރާ މި ވަޅުގަނޑުން ނެގުމަށް މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އަދި މިވަގުތަކީ އިންކަމްޓެކްސް ނަގަން އެންމެ ރަނގަޅު ވަގުތުތޯ، ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މިވަގުތަކީ ފުއްދުންތެރިކަން ހުއްނަނަމީހާ ދައުލަތަށް އެއްޗެއްދޭންވީ ވަގުތު ކަމަށެވެ.

އަދި އިންކަންޓެކްސް އަކީ ގެއަށް ގެންދާ އެއްޗަކުން ދައުލަތަށް ދައްކަންޖެހޭ އެއްޗެއް ކަމަށާއި، މިވަގުތަކީ، 60،000 ރުފިޔާ ގެއަށް ގެންދަން ލިބޭ ފަރާތްތަކުން ދައުލަތަށް ޓެކްސްދައްކަންޖެހޭ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައަށް ވާހަކަ ދެއްކެވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ވަނީ އީވާގެ ވާހަކައަށް ތާއީދު ކުރައްވައިފައެވެ.

ހިސާން ވިދާޅުވީ، އިންކަމްޓެކްސްނަގާ ވަގުތެއް އޮވެއްޖެނަމަ މިއީ އެވަގުތު ކަމަށެވެ.

އަދި ބޮޑުއާމްދަނީ ގެއަށް ގެންދަންލިބޭ މީހާއަކީ، މިވަގުތު ގައުމަށް ކޮންޓްރިބިއުޓް ކުރަންޖެހޭ މީހެއް ކަމަށް ހިސާން ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް އީވާ އާއި ހިސާންވެސް ވަނީ ތައުރީފް ކުރައްވައިފައެވެ.

ނަމަވެސް އެ ދެބޭފުޅުންވެސް ވިދާޅުވީ ވިޔަފާރިތަކަށް ލިބޭ ގެއްލުމުން އަރައި ގަތުމަށް ދޭ ފައިސާ އެ ދޭ މަގުސަތު ހާސިލްވާގޮތަށް ބޭނުންކުރޭތޯ، ބެލުމުގެ މެކެނިޒަމެއް އޮންނަންޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟