އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން، ވެބް ކޮންފަރެންސް މެދުވެރިކޮށް، މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަން ހަރަދުވީ 4000 ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ނިމި ދެވަނދަންފަޅީގެ މަސައްކަތް ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ވެބް ކޮންފަރެންސް މެދުވެރިކޮށް، އޮންލައިންކޮށް މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމަށް ބޮޑު ހަރަދެއް ކޮށްފައިވާކަމަށް ބައެއް މީޑިއާތަކުންނާއި މަޖިލީހުގެ ތެރޭގައި ދެކެވެމުންދާ ކަމަށެވެ.
ނަމަވެސް މަޖިލިސް ޖަލްސާ އޮންލައިންކޮށް ހިންގުމަށް ހަރަދުވީ އެންމެ 4000 ރުފިޔާ ކަމަށާއި، އެއީ މެމްބަރުންގެ ނަމާއި ދާއިރާ އިނގޭނޭހެން، މެންބަރުންގެ ފަހަތުގައި ހަރުކޮށްފައި ހުންނަ ބޯޑުހެދުމަށް ހަރަދުވި އެއްޗެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ އޮންލައިންކޮށް ކުރިއަށް ގެންދަން ބޭނުންކުރި މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަނަކީ މަޖިލީހުގައި ބޭނުން ކުރަމުން މީގެކުރިން ގަނެފައިވާ އެއްޗެއް ކަމަށެވެ. އަދި ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުން ވެގެންދިޔައީ މާ ހަރަދުކުޑަ ކަމަކަށް، ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އެހެންވިދާޅުވީ، މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ޖަލްސާ ކުރިއަށް ގެންދާއިރު ވާ ހަރަދަށް އިޝާރާތް ކުރައްވައެވެ.
މިއަދުގެ ޖަލްސާއަކީ ވެބް ކޮންފަރެންސް މެދުވެރިކޮށް، ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއެވެ.
މިއަދުގެ ޖަލްސާ 11:00 ގައި ފަށައިގެން ކުރިއަށް ގެންގޮސް 12:30 ހުގަިއ މެދުކަނޑާލުމަށްފަހު 1:00 ގައި އަލުން ފަށައި 1:45 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔައީ، ކޮވިޑް 19 ގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމެވެ.
އެ މައްސަލައަށް ބަހުސް ކުރުމަށް ގިނަ ބަޔަކު އެދިވަޑައިގެންފައިވާތީ، މިއަދުގެ ޖަލްސާގެ އެއްބައި މާދަމާ ކުރިއަށް ގެންދިއުމަށް މަޖިލިސް ރައީސް ވަނީ ނިންމަވައިފައެވެ.