ރައްޔިތުންގެ މަޖިލިސް

އިގުތިސާދުގެ ހަގީގީ ލޭނާރަކީ، މަސްވެރިކަންކަން މިވަނީ ހާމަވެފައި، އެ ސިނާއަތް ކުރިއަރުވަން ގޮވާލަން: ސައުދު

އިބްރާހިމް ޒަކީ

ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ފަތުރުވެރިކަން ކޮވިޑް 19 އާ ގުޅިގެން އިނދަޖެހިފައި ވާއިރު، ރާއްޖޭގެ އިގުތިސޯދުގެ ހަގީގީ ލޭނާރަކީ މަސްވެރިކަން ކަމަށް، މިދަނޑިވަޅުގައިވެސް ހާމަވެގެން ގޮސްފި ކަމަށާއި، އެހެންކަމުން އެ ސިނާއަތު ތަރައްގީކޮށް ފުޅާ ކުރުމަށް ސަރުކާރުން އިތުރު ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ގޮވާލައްވައިފިއެވެ.

ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަަލައިގެ ބަހުސްގައި ސައުދު ވިދާޅުވީ، ކޮވިޑް 19 އިގެ ސަބަބުން ފަތުރުވެރިކަން ނިކަމެތިވެ

އެތައް ޒުވާނުންގެ ވަޒީފާ ގެއްލި އެކަމުގެ ނިކަމެތިކަން އާއިލާތަކަށް ފޯރާފައިވާ ކަމަށެވެ.

އެކަން ކަމަށް ބަލާއިރުވެސް ރާއްޖޭގެ އިގްތިސާދުގެ ހަގީގީ ލޭނާރަކީ މަސްވެރިކަން ކަމަށް ދިވެހި އެންމެހާ ރައްޔިތުން ގަބޫލު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން މުޅި ދުނިޔެއަށް ނިކަމެރިކަން ކުރިމަތިވެފައިވާއިރު، ދިވެހި ރައްޔިތުންނަށް މިކަމުން ސަލާމަތްވެވިދާނެ ކަމަށާއި، އެކަމަށް އޮތް ހަމައެކަނި ދޮރަކީ ދިވެހި މަސްވެރިކަން ކުރިއަށް އޮތް ގޮތަށް، ދިވެހި އިގްތިސާދުގެ ލޭނާރަށް ހެދުން ކަމަށެވެ.

އަދި ދިވެހިންގެ މިހާލަތު ރަނގަޅު ކުރެވޭނީ ސަރުކާރުން މަސްވެރިކަމުގެ ފުލީޓް ވަރުގަދަކޮށް އިތުރު މަސްދޯނިފަހަރު ނެރެގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަޒީފާ ގެއްލިފައިވާ ޒުވާނުން އެ ދާއިރާއަށް ނެރެގެން ކަމަށްވެސް ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، މި ދަނޑިވަޅަކީ ވަޒީފާ ގެއްލިފައިވާ ޒުވާނުން ގޭގައި ތިބެންވީ ވަގުތު ނޫންކަމަށެވެ. އަދި މިއީ މަސްވެރިން މާކަނޑަށް ފެތުރިގަންނަންޖެހޭ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ގައުމުގެ އިގްތިސާދުގައި ހަރަކާތްތެރިވެ، އިގްތިސާދު ނެގެހެއްޓުމަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުންކޮށްގެން ވަޒީފާ ގެއްލިފައިވާ ޒުވާނުުން މަސްވެރިކަމަށް ނިކުތުމަށް ގޮވާލައްވާ ކަމަށެވެ.