ރައްޔިތުންގެ މަޖިލިސް

ކިރުވާ މަހަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭ މައްސަލައަކީ ބޮޑު ކަންބޮޑުވުމެއް: މެންބަރުން

އިބްރާހިމް ޒަކީ

މަސްވެރިން ކިރާ މަހަށް ދުވަހުުން ދުވަހަށް ފައިސާ ނުލިބޭ މައްސަލައަކީ މަސްވެރިން ނިކަމެތިވެ، ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައިގެން މިއަދު ކުރިއަށް ގެންދިޔަ މައްސަަލައިގެ ބަހުސްގައި މެންބަރުން ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން އާއިލާތައް ނިކަމެތި ވެފައިވާކަމަށެވެ.

އެހެންކަމުން އެއް ސިނާއަތުގެ މައްޗަށް ގައުމުގެ އިގްތިސާދު ބައްޓަންވެފައި އޮތުމުގެ ބަދަލުގައި އެހެން ގޮތްތަައް ހޯދަންޖެހޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.

އެގޮތުން މެންބަރުން ވިދާޅުވީ، ދަނޑުވެރިކަމާއި މަސްވެރިކަން އިތުރަށް ތަރައްގީކުރަންޖެހޭ ކަމަށެވެ.

ނަމަވެސް މެންބަރުން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގެ ކުރިއަރުވަން ބަލާއިރު މަސްކިރުވާ ފަރާތްތަކަށް ފައިސާ ނުލިބުމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެސް، ކަންބޮޑުންތަކެއް އުފެދިފައިވާ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ނުލިބޭކަން ފާހަގަ ކުރައްވައި މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެންބަރު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މިފްކޯއަށާއި އެކިއެކި ފަރާތްތަކަށް މަސްވިއްކުމަށްފަހުވެސް ފައިސާ ނުލިބިވާ ކަމަށވެ.

އެފަރާތްތަކަށް ވީއެންމެ އަވަހަކަށް ފައިސާދޭންޖެހޭ ކަމަށާއި، އޭރުން އެފަރާތްތައް އަނެއްކާ މަސްވެރިކަމަށް ނިކުތުމަށް ފުރުސަތު ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ތިނަދޫ ދެކުނުދާއިރާގެ މެންބަރު އަބުދުﷲ ސަނީފް ވިދާޅުވީ، ވޭތުވެދިޔަ ދެ ހަފްތާގައި އެކި ކަންކޮޅުތަކުގައި ތިބި މަސްވެރިންނަށް ފައިސާ ނުލިބިވާ ކަމަށެވެ.

އަދި ބާނާމަސް ނުކުރޭ ކަމަށާއި، ކައިރި ސަރަހައްދު ތަކުގައި މަސްކިރުވާނެ ބޯޓު ފަހަރު ނެތުމަކީވެސް މައްސަަލައެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވީ، މިމަހު 22 އިން ފެށިގެން މަސްވެރިންނަށް ފައިސާ ލިބެމުން ނުދާ ކަމަށެވެ.

އަދި ކިރުވާ މަހަށް މަސްވެރިންނަށް ވަގުތުން ފައިސާ ކިބޭނެ މެކެނިޒަމެއް ވީހާ އަވަހަކަށް ގާއިމްކޮށް މަސްވެރިންނަށް ފައިސާ ލިބެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.