އިބްރާހިމް ޒަކީ
ވެބް ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިޔަށްދާއިރު، މަޖިލިސް މެންބަރުން، އަނބިއަނބި ކަނބަލުން، އަދި ފިރިކަލުންނާއެކު ދައްކަވަމުން ގެންދަވާ ވާހަކަ ޗެޓް ލޮގުގައި ނުލިޔުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.
ވެބް ކޮންފަރެންސް މެދުވެރިކޮށް، މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަަމަ ޖަލްސާގައި މަޖިލީސް މެންބަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް މެންބަރުންނަށް ވިދާޅުވެދެއްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖަލްސާ ކުރިއަށްދާއިރު، ޗެޓް ވިންޑޯގައި އެއްވެސް އެއްޗެއް ނުލިޔުއްވުމަށް ކޮންމެ މެންބަރުވެސް ސަމާލުވާން ޖެހޭ ކަމަށެވެ.
ޗެޓް ވިންޑޯގައި މެންބަރުން ލިޔުއްވާ އެއްޗެއްސާއި، އަޑާއި މަންޒަރަކީ ވަގުތުން ބްރޯޑްކާސްޓްވާނެ ތަކެތި ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ހާއްސަކޮށް ގޭތެރޭގެ ވާހަކާއި، އަނބިއަނބިކަނބަލުން، ފިރިކަލުންނާއެކު ދައްކަވަން އެދިވަޑައިގަންނަވާ ވާހަކަ ޗެޓް ލޮގުގައި ނުލިޔުއްވުމަށް ސަމާލުކަން ދެއްވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.
"ޗެޓް ވިންޑޯގައި އެއްވެސް އެއްޗެއް ނުލިޔުއްވުން އެދެން، ލިޔުއްވާ އެެއްޗެއްސާއި، އަޑާއި، މަންޒަރު، ވަގުތުން ބްރޯޑްކާސްޓްވަމުންދާނެ، ގޭތެރޭގައި ވާހަކައާއި، އަނބިއަނބިކަބަލުން، ފިރިކަލުންނާއެކު ދައްކަވަން އެދިވަޑައިގަންނަވާ ވާހަކަ މި ޗެޓް ލޮގުގައި ނުލިޔުއްވުމަށް ސަމާލުކަންދެއްވަން ޖެހޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޗެޓް ވިންޑޯގައި ހަމައެކަނި ލިޔުއްވާނީ ބަހުސް ކުރުމަށް ފުރުސަތަށް އެދިވޑައި ގެންނެވުމަށް، "ފުރުސަތު" އާއި ނިޒާމީ މައްސަލަ ނެންގެވުމަށް "ނިޒާމީ" އެކަނި ކަމަށެވެ.
ވެބް ކޮންފަރެންސް މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދާއިރު، ޖަލްސާގައި ތިއްބަވައިގެން މެންބަރުން ޖަލްސާ ރެކޯޑް ކުރައްވަމުން ގެންދެވުމަކީ މަޖިލީހުގެ ރައީސްގެ އެންގެވުމަށް ނުކިޔަމަންތެރިވުން ކަމަށާއި، އެގޮތަށް ކަންތައް ކުރައްވައިފިނަމަ އެ މެންބަރެއްގެ ނަން އިއްވައި، ޖަލްސާއިން ބޭރު ކުރައްވާނެ ކަމަށް ވެސް މަޖިލިސް ރައީސް މިއަދު ވިދާޅުވިއެވެ.