ރައްޔިތުންގެ މަޖިލިސް

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމުގެ މައްސަލައަށް ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން އާއިލާތަކާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވުުމުން މަޖިލީހުގައި ބަހުސް ކުރަންފެނޭތޯ ބެލުމަށް މަޖިލިސް ރައީސް ވޯޓު ނެންގެވިއެވެ.

އެވޯޓުގައި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްކުރީ، ޖަލްސާގައި އެވަގުތު ތިއްބެވި، 71 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި މައްސަލައަށް ބަހުސް ކުރަން ފާސްކޮށް، ފުރުސަތު ހުޅުވާލުމުން ގިނަ މެންބަރުންތަކެއް ވަނީ ބަހުސްގައި ބައިވެރިވެފައެވެ.

އެހެންކަމުން ބަހުސްކުރަން އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދެވެންދެން ބަހުސް ކުރިއަށް ގެންދެވުމަށް ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

ޖަލްސާއިން އެގޮތަށް ފާސްކުރުމާ ގުޅިގެން މިއަދުގެ ޖަލްސާ ނިންމައި ލުމުގެ ބަދަލުގައި ވަނީ މެދު ކަނޑާލައިފައެވެ. އެއީ މި ޖަލްސާގެ އަނެއްބައި މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ ފުރަތަމަ ޖަލްސާގެ ގޮތުގައި މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ 11:00 ގައެވެ. އަދި 12:30 ހުގައި ޖަލްސާ މެދުކަނޑާލުމަށްފަހު 1:00 ގައި އަލުން ފަށައި މިއަދު 1:45 އަށް ޖަލްސާ ވަނީ ކުރިއަށް ގެންގޮސްފައެވެ.