ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޖަލްސާ ރެކޯޑް ކުރައްވާނަމަ ނަން އިއްވައި ބޭރުކުރެވޭނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ވެބް ކޮންފަރެންސް މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދާއިރު، ޖަލްސާގައި ތިއްބަވައިގެން މެންބަރުން ޖަލްސާ ރެކޯޑް ކުރައްވަމުން ގެންދެވުމަކީ މަޖިލީހުގެ ރައީސްގެ އެންގެވުމަށް ނުކިޔަމަންތެރިވުން ކަމަށާއި، އެގޮތަށް ކަންތައް ކުރައްވައިފިނަމަ އެ މެންބަރެއްގެ ނަންއިއްވައި، ޖަލްސާއިން ބޭރު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމުގެ ގޮތުން ބޭއްވި ފުރަތަަ ޖަލްސާކަމުން، ޖަލްސާގެ ތެރެއިން މެންބަރުން ސަމާލުކަން ދެއްވަންވީ ކަންތައްތައް މެންބަރުންނަށް އަންގަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގައި ޖަލްސާ ހިނގަމުންދާއިރު، ރެކޯޑް ކުރައްވާނަމަ ޖަލްސާ ރެކޯޑް ކުރަމުންދާ ކަމަށާއި، ރެކޯޑްކުރައްވާ ފަރާތެއްގެ ނަން ވަގުތުން ބްރޯޑްކާސްޓްވަމުން ދާނެ ކަމަށެވެ.

އެގޮތަށް ރެކޯޑް ކުރާނަމަ މަޖިލީހުގެ ލައިވްބްރޯޑްކާސްޓިންއަށް އޭގެ އަސަރުކޮށް މުޅި ޕްރޮގްރާމަށް ގެއްލުން ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ، ބްރޯޑްކާސްޓް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަމުރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުކިޔަމަންތެރިވުން ކަމަށެވެ. އަދި މެންބަރަކު އެގޮތަށް ނުކިޔަމަންތެރިކަމާއެކު ބްރޯޑްކާސްޓްކުރައްވާނަމަ ތިން ފަހަރު ނަން އިއްވުމަށްފަހު، ޖެހޭނީ އެ މެންބަރަކު މަޖިިސް ޖަލްސާއިން ނިކުންނެވުމަށް ދަންނަވަން ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ހިނގަމުންދާ ސެޝަން ރެކޯޑް ކުރައްވާނަމަ ލައިވް ބްރޯޑްކާސްޓިން ޑިސްކްރެޕްޓްވެ ވިންޑޯ ރީސައިޒް ވެދާނެ، އަދި އެފަރާތެއް ރެކޯޑް ކުރައްވާ ކަމާއި ރެކޯޑްކުރައްވާ ފަރާތެއްގެ ނަން އެނގޭނެ ގޮތަށް ވަގުތުން ބްރޯޑްކާސްޓްވަމުން ދާނެ، އެގޮތަށް ބްރޯޑްކާސްޓް ކުރައްވާނަމަ އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަމުރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުކިޔަމަންތެރިވަނީ، އެހެންވީމާ ބްރޯޑްކާސްޓް ކުރައްވާނަމަ ތިންފަހަރު ނަން އިއްވޭނެ އެއަށްފަހު އަޅުގަނޑަށް ޖެހޭނީ ޖަންސާއިން އެ އިއްޒަތްތެރި މެންބަރަކު ނުކުންނަަވަން ދަންނަވަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.