އިބްރާހިމް ޒަކީ
ކޮވިޑް 19 ފެތުރެމުންދާ މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ފަސޭހައިން ގުޅޭނެ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދި ވަޑައިގެންފިއެވެ.
ވެބް ކޮންފަރެންސް މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ ވަކީލުން ކަމަށެވެ. އަދި ރައްޔިތުންނަށް ކަންބޮޑުވުމެއް ދިމާވާ ކޮންމެ ފަހަރަކު، ރައްޔިތުން ގުޅައި ޝަކުވާ ކުރާނެ ފަރާތަކީ މެންބަރުން ކަމަށާއި، އެހެންކަމުން މެންބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންނަށް ފަސޭހައިން ގުޅޭނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
މަޖލިސް ރައީސް ވިދާޅުވީ، ރައްޔިތުން އެދޭ ކަންތައްތައް އެ ރައްޔިތުން ބޭނުންވާ ވަރަށްވެސް އަދި މެންބަރުން ހިތްހަމަޖެހޭ ވަރަށްވެސް މިވަގުތު ނުކުރެވިދާނެ ކަމަށެވެ. ނަމަވެސް މެންބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ހަގީގީ ރަހުމަތްތެރިންނަކީ ކަމެއް ދިމާވާ ދުވަހު އެމީހުންގެ ކައިރީގައި ތިބޭ މީހުން ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ވަކީލުން މިވަގުތު ތިބެން ޖެހޭނީ ރައްޔިތުންނާއެކު ރައްޔިތުންގެ ގާތުގައި ކަމަށް ވިދާޅުވިއެވެ.
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ނިކަމެތިކަމުން އަރައި ގަތުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ. އަދި ކޮވިޑް 19 ފެތުރުނަ ނުދިނުމަށްވެސް ސަރުކާރުންނާއި، ވަޒީރުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅު އިސްނެންގެވުުގެމަތިން އަޅުއްވަމުން ގެންދަވާ މުހިއްމު ފިޔަވަޅުތައް ފާހަގަ ކުރައްވައި އެކަންތައްތަަކަށް އެންމެންގެ އެއްބާރުލުން ދެއްވުމަށް މަޖިލިސް ރައިސް އެދިވަޑައިގެންނެވިއެވެ.
އެމަސައްކަތްތައް ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވަނީ ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ސިއްހީދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.