ރައްޔިތުންގެ މަޖިލިސް

ވެބް ކޮންފަރެންސް މެދުވެރިކޮށް، ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާފަށައިފި

އިބްރާހިމް ޒަކީ

ވެބް ކޮންފަރެންސް މެދުވެރިކޮށް، ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 46 މެންބަރުންނާ އެކު ފަށައިފި އެވެ.

ކޮވިޑް 19 އާއި ގުޅިގެން އިއުލާންކުރި އާއްމުސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ސަރުކާރު ބަންދުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް މެދު ކަނޑައިލިއެވެ.

ނަމަވެސް މުހިއްމު މަސައްކަތެއް މަޖިލީހުގައި ކުރިއަށް ގެންދަން ހގުރުމާއެކު، މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމިއެވެ.

އެގޮތަށް ނިންމާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނޭ ގޮތަކާއި ގުޅޭގޮތުން ޕީޖީ ލީޑަރުންނާއި މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި އެކު މަޝްވަރާ ކުރައްވާފައެވެ. އަދި އެދުވަހު ނިންމާފައިވަނީ އިންޓާނެޓް މެދުވެރިކޮށް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ.

ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ލީޑަރު އަލީ އާޒިމް ހުށަހަޅާފައިވާ މައްސަލައެވެ.

އަލީ އާޒިމް މައްސަލަ ހުށަހަޅާފައިވަނީ، ކޮވިޑް 19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށެވެ.