ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ގުރުއާން ޗެލެންޖުގެ ނަމުގައި ހަތިމް ކުރުމުގެ ޕްރޮގްރާމެއް ޑރ. ޝަހީމު ސޯޝަލްމީޑިއާގައި ފައްޓަވައިފި

އިބްރާހިމް ޒަކީ

ގުރުއާން ޗެލެންޖުގެ ނަމުގައި ހަތިމް ކުރުމުގެ ޕްރޮގްރާމެއް އާއްމުކޮށް ހުޅުވާލައިގެން، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ނުކުމެވަޑައިގެންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފައްޓަވައިފިއެވެ.

ގުރުއާން ޗެލެންޖުގެ ފެއްޓެވުމަށްފަހު ޑރ. ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ހަތިމްކުރަން ފެށީ ކަމަށެވެ.

މިޗެލެންޖުގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި، " ޓުވިޓާ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެން ދެވޭނެ. އަޅުގަނޑު ފަށައިފިން، ކުރިއަށް ގެންދަވާށެވެ! ރީތިކޮށް ކިޔަވާ ޒުވާނުން ބައިވެރިވާށެވެ! ކޮންމެވެސް މިންވަރެއް ކިޔަވާފައި ސޯޝަލްމީޑިޔާއަށް ލައްވާށެވެ! އެންމެން ބައިވެރިވާށެވެ! ކޮންމެ ރާގަކަށް ކިޔެވުނަސް އެންމެ ރަނގަޅެވެ! ޤުރުއާން މުދައްރިސުން، އިމާމުން، ޤާރީން ބައިވެރިވާށެެވެ!" ޝަހީމް ވިދާޅުވެފައި ވެއެވެ.

މި ޗެލެންޖު ކުރިއަށްދާއިރު އެކި އާޔަތްތަކާއި ނަބީބޭކަލުންގެ ވާހަކަތަކާއި ގުރުއާންގައިވާ އެކިއެކި މުހިއްމު ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަވާނެ ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.

ނަމަވެސް އެބައި ކުރިއަށް ގެންދަވާނީ ޝަހީމްގެ ރަސްމީ ފޭސްބުކްޕޭޖުގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ގުރުއާން ޗެލެންޖުގައި ޑރ.ޝަހީމް ކިޔަވައިވިދާޅުވާން ފެއްޓެވުމާ ގުޅިގެން ކުޑަކުދިންނާއި ބޮޑެތި މީހުންވަނީ އެ ޗެލެންޖުގައި ބައިވެރިވެެ ކިޔަވަން ފަށައިފައެވެ.