އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި، އިޖްތިމާއީ ގައިދުރު ކުރުމުގެ އުސޫލުގެ ދަށުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލީސްތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް ކަނޑައަޅައިފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ، ވައިބަރު މެދުވެރިކޮށް ކުރިއަށް ގެންދިޔަ ގާޒީންގެ އާންމު މަޖިލީހުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލީސްތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް ކްރިމިނަލް ކޯޓުން ކަނޑައަަޅައިފި ކަމަށެވެ.
ދިހަ މާއްދާއެއްގެ މައްޗަށް އެކުލަވާލާފައިވާ، މިއުސޫލު ފާސްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، ގާޒީންގެ ވައިބަރު ގްރޫޕުގައި ބޭއްވި ގާޒީންގެ އާންމު މަޖިލީހުންނެވެ.
މުޖުތަމައުގައި ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އޮވެގެން، ގައުމުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިނަމަ، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމާއި، ޝަރީއަތް ކުރުމާއިބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގައި ބަޔާންވެގެންވާ ފަދައިން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް ކޯޓުން ނިންމާ ހާލަތުގައި، ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންނާއި އިންވެސްޓިގޭޝަން އޮފިސަރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރި ކުރުމުގައި ކޯޓުން އަމަލުކުރާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.