ޕޮލިސް

ދަރަވަންދޫގައި ދެބޭން ހިންގި މާރާމާރީއެއްގައި އެކެއްގެ އަތަށް ކަތުރެއް ހަރާލައި ޒަހަމްކޮށްލައިފި

މަރިޔަމް ޝަހުދާ

ބ. ދަރަވަންދޫގައި ދެބޭން ހިންގި މާރާމާރީއެއްގައި އެކެއްގެ އަތަށް ކަތުރެއް ހަރައި ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި މާރާމާރީގައި ޒަހަމްވެފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ.

މި މާރާމާރީ ހިންގަން މެދުވެރި ވީ ހޮނިހިރު ދުވަހު ދަރަވަންދޫގައި ކުރި ވައްކަމަކާއި ގުޅިގެން އެގޭގައި ދިރިއުޅޭ މީހަކާއި (29 އަހަރުގެ ދިވެހި ފިރިހެނެއް) އޭނާގެ ކޮއްކޮއާއި ދެމެދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މާރާމާރީ ހިނގާފައިވަނީ 26 އަހަރުގެ މީހާގެ ވޮލެޓުން ފައިސާ ގެއްލުނު މައްސަލައެއްގައި ދެމީހުންގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި 29 އަހަރުގެ މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.