ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތަކާ ގުޅޭ އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައެއް ނުވާނެ: ހަސަން ލަތީފް

3

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތަކާ ގުޅޭ އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައިނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ކޯލިޝަންގެ ބައްދަލުވުމެއްގައި އެމްޑީޕީން ހުށަހެޅުމެއް ހުށަހަޅާފައިވާނެ ކަމަށާއި އެއީ އެއްބަސްވުމެއް ނޫން ކަމަށެވެ.

"ކޯލިޝަންގެ ބައްދަލުވުންތައް ހިނގަމުންދިޔަ އިރު، ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުނޫޒުގައި ކޯލިޝަންގެ ހުރިހާ ބައިވެރިން ތިބެ މަޝްވަރާ ކުރެވުނީ ރިޔާސީ އިންތިހާބުގެ ކަންކަމާއި އަދި އޭގެ ފަހުން ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން. އެމްޑީޕީން އޭރު ހުށަހަޅާފައި އޮތް ހުށަހެޅުމެއް ސޮއިކޮށްފައި އޮންނާނެ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަޅުގަނޑު އަދި ކެންޑިޑޭޓުގެ ހައިސިއްޔަތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެ ހުށަހެޅުމުގައި ހަގީގަތުގައި އެއޮތީ އަޅުގަނޑުމެންނަށް ފެންނަ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑުމެން ދެކޭތީ. އެއްބަސްވުމެއް ކަމަށް އިއްތިހާދުގެ ބައެއް ބޭފުޅުން ދެކެވަޑައިގެންނެވި ނަމަވެސް، އަޅުގަނޑުމެން ނުދެކެން އެއީ އެއްބަސްވުމެއް ކަމަކަށް،" އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ހުށަހެޅުމެއް ހުށަހެޅީ އެހެން ޕާޓީތަކުން އެކަމާ ދެކޭގޮތް ބަލަން ކަމަށާއި އެކިއެކި ސަބަބުތަކާ ހުރެ ކޯލިޝަންގެ ހުރިހާ ޕާޓީއަކުން އެ ހުށަހެޅުމަށް އެއްބަސްވެފައިނުވާ ކަމަށެވެ. އަދި ކޯލިޝަންގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ކޯލިޝަންގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއްގައި މި ޕާޓީން ސޮއިކޮށްފައެއް ނުވާނެ. މިދެންނެވި ވާހަކަ ދެކެވުނު ރޭ ޖުމްހޫރީ ޕާޓީން އެދިވަޑައިގެންނެވި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާ ދެމެދު އެއްބަސްވެވޭ އެއްބަސްވުމެއްގެ ގޮތުގައި މި ދެންނެވި އަދަދުތަކަށް، ޕްރޮޕޯޝަންތަކަށް، ޕަސަންޓޭޖުތަކަށް އެއްބަސްވާން. އެހެންނަމަވެސް އޭގައި އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން ސޮޔެއް ނުކުރޭ، އެއީ އެއްބަސްވުމަކަށް ވާތީ،" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 87 ދާއިރާއަށް ކުރިމަތިލާން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މިރޭ ވަނީ ނިންމައިފައެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ވޯޓުގައި ބައިވެރިވި 80 މެމްބަރުންގެ ތެރެއިން 79 މެމްބަރުން ވަނީ ތާއީދުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟