މަޖިލިސް މެންބަރު އަލީ އާޒިމް

އިގްތިސޯދަށް ފައިދާވާ ކަމެއް ކުރަން މަތިކޮށް، ވަޒީފާ ގެއްލޭ ފަރާތްތަކަށް އުޖޫރައެއް ދިނުން މުހިއްމު: އަލީ އާޒިމް

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ލިބޭ ގެއްލުމުން އަރައިގަތުމަށް ގޭބިސީތަކަށާއި ވިޔަފާރިތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ޕްރޮގްރާމްގެ ދަށުން، އިގްތިސާދަށް ފައިދާވާ ބާވަތުގެ މަސައްކަތެއް ކުރުމަށް މަތިކޮށް، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިހެން ވިދާޅުވީ، ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅު ތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައި ގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެގޭ ގޮތް ކަނޑައެޅުމަށް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައެވެ.

އެ މައްސަލައިގައި، އަލީ އާޒިމް ވިދާޅުވެފައިވަނީ، ކޮވިޑް 19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކާއި، ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ނަމަވެސް އެފަރާތްތަކަށް އުޖޫރަ ދޭންވާނީ އިގްތިސޯދަށް ފައިދާވާ ބާވަތުގެ މަސައްކަތެއް ކުރުމަށް، މަތިކޮށް، އެ ފަރާތްތަކުގެ މަސައްކަތުގެ ސަބަބުން އިގްތިސޯދުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނޭ ގޮތަކަށް ރޭވިގެން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މިގޮތުން މިހާލަތުގައި ރާއްޖޭގައި ތަރައްގީ ކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ ދާއިރާތަކުގެ މަސައްކަތް ފެށުން މުހިއްމު ކަމަށް ވިދާޅުވެ، މިހާލަތުގައި މިހާރުވެސް ކުރެވިދާނެ ބައެއް ކަންކަން އާޒިމް ވަނީ ފާހަގަ ކުރައްވައިފައެވެ.

އޭގެ ތެރޭގައި ބޮޑެތި ރަށްރަށް ފާހަގަކޮށް އެގްރިކަލްޗާ މިނިސްޓްރީން ދަނޑުވެރިކަމުގެ ސިނާއަތު ފުޅާ ކުރުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތައް އެ ރަށްރަށުގައި ހިންގިދާނެ ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މަސްވެރިކަމުުގެ ސިނާއަތަށް ދިނުމަށް ކަނޑައަޅާފައިވާ ޕެކޭޖްގެ ތެރެއިން މަސް ރައްކާކުރެވޭނެ ގޮތް ހަދައި މަސް ކައްކައި ހިއްކައި ބާޒާރަށް އަދި، ދުނިޔޭގެ ބާޒާރަށް، ދިވެހި އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ހިމެނިދާނެ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ.

ކޮވިޑް 19ގެ ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮފްރާމްގައި ހިމެނޭ ކަންކަން ފާހަގަކޮށް އެ ޕްރޮގްރާމް ތަންފީޒުކުރުމާ ބެހޭ ގޮތުން ރައްްޔިތުންގެ މަޖިލީހުުން ދެކޭ ގޮތް މަޖިލީހުގެ މާދަމާގެ ޖަލްސާއިން ކަނޑައަޅަން އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިގައިވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަކީ މެންބަރުން ގޭގައި ތިއްބަވައިގެން، ވެބް ކޮންފަރެންސް މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހަކުން ބާއްވާ ފުރަތަަމަ ޖަލްސާއެވެ.