އިބްރާހިމް ޒަކީ
ކޮވިޑް 19ގެ ރޯގާ ފެތުރުނަ ނުދިނުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން އާއިލާ ތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮފްރާމް ތަންފީޒުކުރުމާ ބެހޭގޮތުން ރައްްޔިތުންގެ މަޖިލީހުުން ދެކޭގޮތް މާދަމާ ކަނޑައަޅަން ނިންމައިފި އެވެ.
މަޖިލިސް މެންބަރުން ގޭގައި ތިއްބަވައިގެން، ވެބް ކޮންފަރެންސް މެދުވެރިކޮށް، މާދަމާ ފަށާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.
މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން، ކޮވިޑް 19ގެ ރޯގާ ފެތުރުނަ ނުދިނުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން އާއިލާ ތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮފްރާމް ތަންފީޒު ކުރުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫފްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
ކޮވިޑް 19 އިން ލިބެމުންދާ އިގްތިސާދީ ގެއްލުންތަކާއި، ގޭބިސީތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައި ގަތުމަށް ގިނަ ޕްރޮގްރާމްތަކެއް ސަރުކާރުން ވަނީ ރާވައިފައެވެ.
އޭގެ ތެރޭގައި ކޮވިޑް 19 ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ ތެރެއިިން، ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ.
އެ ފަންޑުގެ ދަށުން ހުރިހާ ވިޔަފާރިތަކަށް ލުއި ގޮތެއްގައި ލޯނު ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ވެސް ސަރުކާރުން ވަނީ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމައިފައެވެ.
އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި، އެޗްޑީއެފްސީން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ހިމެނެއެވެ.
މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާތަކަށްވެސް ކަންތައްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ގޭބިސީތަކަށް އަމާޒު ކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އާއްމުންނަށް ދިމާވާނެ މާލީ ހާލަތަށް ބަލައި ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން ބައެއް ސަބްސިޑައިޒްކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން އޭޕްރީލް އަދި މެއި މަހުގެ ކަރަންޓު ބިލުގެ 40 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށާއި، އެ ދެމަހުގެ ފެން ބިލުން 30 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ވަނީ ނިންމައިފައެވެ. އަދި ސަރުކާރުން ދީފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ ފައިސާވެސް ހަ މަސް ދުވަހުގެ މުއްދަތަށް ފަސްކޮށްދިނުމަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.