ހަތަރު މަހު އެންގޭޖް ވެގެން އުޅުމަށްފަހު ބޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަދި ހޮލީވުޑް ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ކައިވެނި ކޮށްފިއެވެ.
މި ކައިވެނި ކުރީ އިއްޔެ އިންޑިއާގެ ރާޖަސްތާނުގެ ޖޯދްޕޫރުގައި ހުންނަ އުމެއިދު ބަވަން ޕެލަސް ގައެވެ.
ޕީސީ ގެ ވެޑިން ޑްރެސް ޑިޒައިން ކުރީ މަޝްހޫރު ހޯޓް ކޮޓުއަ ޑިޒައިނަރު ރަފްލް ލޮރޭން އެވެ. މިއީ ރަފްލް ލޮރޭން އަލަށް ސެލެބްރިޓީ އަކަށް ޑިޒައިން ކޮށްދިން ވެޑިން ޑްރެސް އެވެ. ނިކް ވެސް ސްޓައިލް ކޮށްދިނީ ރަލްފް އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ކައިވެނީގެ އެކި ހަފުލާތަށް ވަނީ ކުރައަށް ގެންގޮސްފައެވެ. އިއްޔެ ކްރިސްޓިއަން ކައިވެނި ކުރެވިފައި ވާއިރު އެކައިވެނި އޮފިޝިއޭޓެޑް ކޮށްދީފައި ވަނީ ނިކްގެ ބައްފައެވެ. މިއަދު އޮންނާނީ ހިންދޫ ކައިވެންޏެވެ.
ޕީސީ ބުނި ގޮތުގައި އެދެމީހުންގެ ގުޅުން ފެށުނީ 2016 ވަނަ އަހަރު ނިކް އޭނާ އަށް ޓުއިޓަރުން ޕްރައިވެޓް މެސެޖެއް ކުރުމާއެކުއެވެ. ނަމަވެސް 2017 ވަނަ އަހަރު ވަންދެން ދެމީހުންވެސް ބައްދަލު ވެފައި ނުވާ ކަމަށް ޕީސީ ބުނެފައިވެ އެވެ.
އިއްޔެ ޕީސީ އަދި ނިކްވެސް ވަނީ އެމީހުންގެ މެހެންދީ ހަފްލާގެ ފޮޓޯތައް ފޭނުންނާ ހިއްސާކޮށްފައެވެ. އޭގެ ކެޕްޝަނުގައި ޕީސީ ބުނެފަވާ ގޮތުގައި އެދެމީހުނެގް ގުޅުމުގެ އެންމެ ސްޕެޝަލް ކަމަކީ ދެ ކަލްޗަރުގެ އާއިލާއެއް ގުޅި ގުޅުން ބަދަހި ވެގެންދާ ވަރުއެވެ.
ޕީސީ އާއި ނިކްގެ ގުޅުން އާންމުންނާ ހިއްސާ ކުރީ މިއަހަރުގެ މެއި މަހު އެވެ. އަދި އެންގޭޖް ކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުއެވެ.