އިބްރާހިމް ޒަކީ
ކޮވިޑް 19ގެ ސަބަބުން ރާއްޖޭގައި އާއްމު ސިއްހަތާބެހޭ ކުއްލިނުރައްކަލުގެ ހާލަތު އިއުލާނު ކުރެވިފައިވާ މި ނާޒުކު ދަނޑިވަޅުގައި
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ޕޮލިސް ކޮމިޝަނަރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ދިވެހި ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާގުޅިގެން ދެއްވި ހިތާބުގައެވެ.
މި ދަތި އުނދަގޫ ވަގުތުގައި ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއެސް) އިން އަންގަވާ އެންގެވުންތަކާއި ސިއްހީ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ހުރިހާ ރައްޔިތުންވެސް އިހުތިރާމު ކުމަށާއި، އެގޮތުގެމަތިން އަމަލުކުރެއްވުމަށް ކޮމިޝަނަރު ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.
ހިތާބުގައި ކޮމިޝަނަރު ވިދާޅުވީ، ނިމިދިޔަ 2019 އަހަރަކީ ފުލުހުންގެ ހިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ. އިންސާފު ހޯދައިދިނުމަށް ކުރި މަސައްކަތުގައި މިދިޔަ އަހަރު ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ ކަަމށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރަން ޖެހޭ މައިގަނޑު ސަބަބަކީ ފުލުހުން މަސައްކަތްކުރަން ޖެހޭ މާހައުލު ރައްކާތެރިވެ، ނަތީޖާ ހާސިލު ކުރުމަށް ފަސޭހަވުން ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުުގެ ސަބަބުން ފުލުހުންނާ ގުޅުން ބަދަހިވެ، ފުލުހުންގެ މަސައްކަތްތަކުގައި އާއްމުން ބައިވެރިވުން އިތުރުވެ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ފުލުހުންގެ ހިދުމަތްތައް ބައްޓަންކުރަން މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައަކީ ރައްކާތެރި ތަނަކަށްވެގެން ދާނެކަން ކޮމިޝަނަރު ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން އާއްމު ރައްޔިތުން ބޭނުންވާނެ އެންމެ ބޮޑު އެއްކަމަކީ ކުށާއި ކުށުގެ ބިރުވެރިކަން ނެތިގެން ދިއުން ކަމަށެވެ. އަދި ކުށުގެ ހާލަތު ވަޒަންކުރެވޭ މައިގަނޑު އެއް މިންގަނޑަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދާއި، މައްސަލަތަކާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި ކުރެވޭ ތަހުގީގުތައް ކާމިޔާބުވާ މިންވަރުކަން ފާހަގަކުރައްވައި ފާއިތުވި އަހަރުގެ ތެރޭ ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް އިތުރުވި ނަމަވެސް، އޭގެ ތެރެއިން ގިނަ މައްސަލަތަކެއް ނިންމައި ދައުވާކުރަން ފޮނުވުނުކަން ހިތާބުގައި ކޮމިޝަނަރު ހަމީދު ފާހަގަކުރެއްވިއެވެ.