އިންޑިއާ

ލޮކްޑައުން ކުރުމާ ގުޅިގެން އިންޑިއާއިން ނުގެނެވި ހުރި ބޭސްތައް ގެނައުމުގެ މަސައްކަތް ފަށައިފި

ކޮވިޑް 19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައިވާތީ، ރާއްޖެއަށް ނުގެނެވި ހުރި ބޭހުގެ ބާވަތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އޯޑަރު ކޮށްފައިވާ މި ބޭސްތަކަކީ، އިންޑިއާގެ ފަސް ސިޓީއަކުން ރާއްޖެ ގެނައުމަށް ތައްޔާރުކޮށްފައިވާ ބޭހުގެ ބާވަތްތަކެއް ކަމަށެވެ.

އެތަކެތި ތައްޔާރަށް ހުރި ނަމަވެސް ރާއްޖެއަށް ގެނައުމަށް ވަނީ ދަތިތަކާ ކުރިމަތި ވެފައެވެ.

އެ ދަތިތައް ދިމާވެފައިވަނީ ކޮވިޑް 19އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން ކޮށްފައިވުމާ ގުޅިގެން، އެގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް މަޑުޖެހުމެއް އައިސްފައިވާތީ އެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. އަދި ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިމަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތިން މަސްދުވަހުގެ ސްޓޮކް ހިލޭ ދީފައެވެ.

ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް އިންޑިއާގެ ބަނދަރުތަކުން ބަރުކުރުމުގައި ދިމާވި ދަތިތައް ފިލުވައި، މިހާރު ބައެއް ޝިޕްމަންޓްތައް ވަނީ ރާއްޖެއަށް ގެނެސްފައެވެ.