ކޮވިޑް19 ފެތުރެން ފެށުމާއެކު އިންޑިއާއިން ވަނީ ވަގުތުން ލޮކްޑައުނަކަށް ގޮސްފައެވެ.
ހަމަ އެއާއެކު ހުރިހާ ތަރިން އަންނަނީ ގޭގައި ތިބެގެން ނަމޫނާ ދައްކަމުންނެވެ. އެމީހުންގެ ފޭނުން މުނިފޫހިފިލުވައިދިނުމަށް މީސް މީޑިއާ މެދުވެރިކޮށް ގިނަ ކަންތައްތަކެއް ވެސް ކުރަމުންނެވެ.
މުނިފޫހިފިލުވައިދިނުމުގެ އިތުރުން ތަރިން އަންނަނީ ގައުމަށް ދިމާވެފައި އޮތް ބަލިމަޑުކަމުން އަރައިގަތުމަށް އެހީވެސް ވަމުންނެވެ.
އެގޮތުން ސުޕަސްޓާ އަކްޝޭ ކުމާރު މިވަނީ އިންޑިއާގައި މި ބައްޔަށް ފަރުވާ ހޯދުމަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އުފެއްދެވި ނަރެންދްރަ މޯދީސް ކެއާސް ފަންޑަށް 25 ކްރޯޑް ރުޕީސް ހަދިޔާ ކުރާނެ ކަމަށް ބުނެފައެވެ.
އެކަން ހާމަކޮށް އަކްޝޭ ކުރި ޓުވީޓުގައި ބުނީ "މިވަގުތަށް އެންމެ މުހިންމީ އަހަރެމެންގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުން" ކަމަށެވެ.
ބަތަލު ވަރުން ދަވަންވެސް މިވަނީ އިންޑިއާގައި އުފައްދާފައި ހުރި ފަންޑުތަކަށް ފައިސާ ހަދިޔާ ކުރަން ނިންމާފައެވެ.
އެގޮތުން މަހާރާޝްތާ ސީއެމް ރިލީފް ފަންޑަށް 25 ލައްކަ ރުޕީސް އަދި ނަރެންދްރާ މޯދީ ފަންޑަށް 30 ލައްކަ ރުޕީސް ހަދިޔާ ކުރާނެކަން ވަރުން ވަނީ ހާމަކޮށްފައެވެ.
އަކްޝޭ އަދި ވަރުންގެ އިތުރުން ސުޕަސްޓާ ރިތިކް ރޯޝަންވެސް ވަނީ ރިލީފް ފަންޑަށް އެހީވާން ނިންމާފައިވާކަން މީގެ ކުރިން ހާމަކޮށްފައެވެ.
ލޮކްޑައުނާ ގުޅިގެން ބަތަލު ވިވެކް އޮބްރޯއީ ވަނީ ނުވަ އާއިލާއެއް ބަލައިދޭން ނިންމާފައެވެ.
އެކަން ހާމަކޮށް ވިވެކް ކުރި ޓުވީޓުގައި ވަނީ ބޮޑު ވަޒީރު މޯދީގެ ޕްލެޖް ބަލައިގެންފައިވާ ކަމަށާއި މި 21 ދުވަސް ވަންދެން ނުވަ އާއިލާއެއް ބަލައިދޭން ނިންމާފައިވާ ކަމަށެވެ.
ފިލްމީ އިންޑަސްޓްރީއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ އިންޑިއާގައި މިވަގުތު ގިނަ ތަރިންގެ ފަރާތުން ބައްޔާ ބެހޭގޮތުން ހޭލުންތެރިކުރުންވެސް ކުރިއަށް ދެއެވެ.
ބޮލީވުޑްގެ ބިގް ބީ އަމީތާބް ބަޗަން އާއި ބާދްޝާ ޝާހުރުކް ޚާން ވެސް އަންނަނީ ޓީވީ އާއި މީސް މީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުމަށް ވީޑިއޯތައް ހިއްސާކުރަމުންނެވެ.
އިންޑިއާގައި 1000 އަށްވުރެ ގިނަ މީހުނަށް މިބަލި ޖެހިފައިވާއިރު 24 މީހަކު ވަނީ މަރުވެފައެވެ. 84 މީހުން ވަނީ ފަސޭހަވެފައެވެ.