ވިޔަފާރި

ލަންކާ، އިންޑިއާ، ތައިލެންޑު އަދި ދުބާއީއާ ދެމެދު މޯލްޑިވިއަން އިން ކާގޯ ފްލައިޓްތައް ފަށަނީ

މަރިޔަމް ޝަހުދާ

ސްރީލަންކާ އާއި އިންޑިއާ އާއި ތައިލެންޑު އަދި ދުބާއީއާ ދެމެދު މޯލްޑިވިއަން އިން ކާގޯ ފްލައިޓް ފެށުމަށް ހަމަޖައްސައިފި އެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނީ މި ދަތުރުތައް މިއަދު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ، ލަންކާގެ ކޮލަމްބޯއަށް ކާގޯ ފްލައިޓުތައް ދަތުރުކުރާ އިރު، އިންޑިއާގެ ޗެންނާއީ އަދި ޓްރިވެންޑްރަމަށް ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ. މި ދަތުރުތަކާ ގުޅޭ މައުލޫމާތު ބޭނުންވާ ފަރާތްތަކުން 7977926 އަށް ގުޅުމަށް މޯލްޑިވިއަން އިން އެދެއެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ވައިގެ ބަނދަރު ބޭރުގެ ފަރާތްތަކަށް ރަސްމީކޮށް ބަންދުކޮށް ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައި ވީނަމަވެސް، ބޭނުންވާ ކާބޯތަކެއްޗާއި މޭވާއާއި ތަރުކާރީ ގެނައުން ފަދަ ބޭނުން ތަކަށް އެކަންކަން ނުހުއްޓި ކުރިޔަށް ގެންދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެ ކަމަށް ދާދި ފަހުން މީޑިއާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ގައުމީ އެއާލައިނުން ބައެއް ގައުމުތަކަށް ކާގޯ ފްލައިޓްތައް ބާއްވަން މި ނިންމީ ދުނިޔޭގެ ގިނަ ގައުމުތައް ލޮކްޑައުންވެ، ބައެއް ކަހަލަ ތަކެތި ރާއްޖެއަށް ގެނެވޭނެ ފަދަ ދަތުރުތަކެއްގެ ބޭނުންތެރިކަން ބޮޑުވެފައިވާ ވަގުތެއްގަ އެވެ.