ޕީއެސްއެމް

ވެރިކަން ބަދަލުވުމާ އެކު ޕީއެސްއެމް ވެސް ބަދަލުވެއްޖެ

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލުހި ކުރި ހޯއްދަވައި އިންތިޚާބު ކާމިޔާބުކުރެއްވިކަން ކަށަވަރުވި ހިސާބުން ފެށިގެން ޕީއެސްއެމްގެ ރާގު މުޅީން ބަދަލުވެއްޖެ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕޭން ޓޫލް އެއް ގޮތަށް ރައްޔިތުން މާނަކުރަމުން ދިޔަ ޕީއެސްއެމްގެ ޓީވީއެމުން އިއްޔެ އިން ފެށިގެން ދައްކަމުން އަންނަ ކޮންޓެންޓް ތަކަށް ބަލާ އިރު ފެންނަނީ މުޅި ޕޮލިސީ އެކީ ބަދަލުވެފައިވާ ތަނެވެ.

އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ އިއްޔެ އޮތް އެމްޑީޕީގެ ގައުމީ މަޖިލިސް ވެސް ޓީވީއެމުން ލައިވް ކުރުމެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭން އިދިކޮޅުން ނިންމައިލީ ޓީވީއެމުންގެ އެއާރޓައިމް ނުލިބި ކަމަށް އެފަރާތުން ބުނެއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފައި އޮތް ދައުލަތުގެ މީޑިއާ ހުޅުވިގެން ދިޔައީ އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި އިއުލާނުކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ. އެ ދުވަސްވަރު ޓީވީމް ފެނިގެން ދިޔައީ ސަރުކާރާއި އިދިކޮޅަށް ވެސް ފަހި މީޑިއާއެއްގެ ގޮތުގަ އެވެ.

ޖެހިގެން އައި ރައީސް ނަޝީދުގެ ވެރިކަމުގައި އަނެއްކާވެސް ފެނުނީ ދައުލަތުގެ މީޑިއާ ވަރަށް ބޮޑަށް ކޮންޓްރޯލުކުރެއްވި ތަނެވެ. ދައުލަތުގެ މީޑިއާ ހިންގަން އެމްއެންބީސީ ގެ ނަމުގައި ވަކި ކުންފުންޏެއް ވެސް އުފައްދަވައި ވަރަށް ބޮޑަށް އެތަން ސިޔާސީ ކުރެއްވި ތަނެވެ. އެ ކަމުގެ ސަބަބުން އަނެއްކާވެސް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒު ވެގެން ދިޔަ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމި ދެން ފެނުނު ރައީސް ވަހީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ފެނުނީ ފުދޭވަރަކަށް ބެލެންސް ކޮށެވެ.

ދައުލަތުގެ މީޑިއާ ހިންގަން ގާނޫނު ލާޒިމު ކުރާ މިންގަނޑުން ބޭރުން އެ މީޑިއާ ހިންގަމުން ދަނީ ކޮންމެ ވެރިކަމެއްގައި ވެސް އެތަނުގެ ވެރީންނަށް އޮންނަ ޕްރެޝަރުގެ ސަބަބުން ކަމަށް ޕީއެސްއެމްގެ ބައެއް މުވައްޒަފުން ބުނެ އެވެ.

ޕީއެސްއެމްގެ ހިންގުމަށް ގެނައި ބައެއް ބަދަލު ތަކާ މެދު ހިތްމަނުޖެހިގެން ތަނުގެ ވަރަށް ސީނިއަރ ބައެއް މުވައްޒަފުން ވަނީ މި ފަހަކަށް އައިސް ވަޒީފާ އިން ވެސް ވަކިވެފަ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން ވަނީ ތަނުގައި ހުރި ސީރިއަސް މައްސަލަތައް ފާހަގަކޮށް ބަޔާން ވެސް ނެރެފަ އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިކްރާމް ވަނީ ރައީސް ޔާމީންގެ ސިޔާސީ ބައެއް ރެލީ ތައް ވެސް ހޮސްޓް ކުރައްވައިފަ އެވެ. އަދި މެނޭޖިންގ ޑައިރެކްޓަރު އިބްރާހީމް ޚަލީލު ވެސް ވަނީ ސިޔާސީ ބައްދަލުވުން ތަކުންނާއި ރެލީތަކުން ފެނިގެން ގޮސްފަ އެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއާ ހަމައިން، ޚަލީލު އަދި އިކްރާމް ވެސް އޮފީހަށް ވަޑައިނުގަންނަވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. މިކަން ކަށަވަރުކުރުމަށް ގުޅި އިރު ޚަލީލުގެ ފޯނު ވަނީ ނިއްވައިލައިފަ އެވެ. އިކްރާމް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ޕީއެސްއެމްގެ އެމްޑީކަން އަނެއްކާވެސް ޚަލީލާ ހަވާލުކުރުމަށް އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

އިއްތިހާދުގެ ވެރިކަމެއް އައިސް، އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ޕީއެސްއެމް މިނިވަންވެ ހަގީގީ މާނައިގައި ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި ހިންގުން އެއީ ރައްޔިތުންގެ ކުރާ އުއްމީދެކެވެ.