ރިޕޯޓް

ރާއްޖޭން ބޭރުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އާއިލާތައް އިތުރު އުނދަގޫތަކެއްގެ ތެރެޔަށް

އައިދާ އަބްދުލް ހަކީމް

އަވަށްޓެރި ސްރީލަންކާ އަކީ ތައުލީމު ހާސިލް ކުރުމަށާއި ދިގުމުއްދަތަށް ބޭސްފަރުވާ ކުރަން ޖެހޭ ދިވެހިން ގިނަ އަދަދަކަށް ދިރި އުޅޭ ގައުމެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ލަންކާއިން ފެނުމާއި ގުޅިގެން އެގައުމުގައި ވަނީ ކާފިއު އިލާނުކޮށްފައެވެ.

ލަންކާ ކާފިއުގެ ދަތިކަން އެގައުމުގައި ދިރިއުޅޭ ހުރިހާ ދިވެހީންނަށް ވަނީ ތަހައްމަލުކުރަން ޖެހިފަ އެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވަނީ އެގައުމަށް ބޭސްފަރުވާއަށް ގޮސް ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގެންގުޅޭ މީހުންނަށާއި ކުޑަކުދިން ގެންގުޅޭ މީހުންނަށެވެ.

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި އަންހެނުން ހިމެނޭ ވައިބަރު ގްރޫޕެއްގައި މީހަކު ބުނެފައިވަނީ އެގައުމުގައި ކުޑަކުދިން ގޮވައިގެން ދިރިއުޅޭ މީހުން އުޅެނީ ވަރަށް ހާލުގައި ކަމަށެވެ.

އެމީހާ ބުނެފައިވަނީ ބޮޑެތި މީހުންނަށް ބޭނުންވާ އެއްޗެހި ލިބެން ހުރިނަމަވެސް ދަރިންނަށް ކާންދޭ ސާމާނު އޯޑަރުކޮށްގެން އަދިވެސް ލިބިފައި ނުވާ ކަމަށެވެ. އެކަމާއި ގުޅިގެން އެގުރޫޕުގައި އުޅޭ އެހެން ބައެއް އަންހެނުންނާ "ވަން"އިން ވާހަކަދައްކައިލީމެވެ.

އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބެލެނިވެރިޔަކު ބުނީ އޭނާ ލަންކާއަށް ދިޔައީ ޑައުން ސިންޑްރަމް ހުންނަ ދަރިފުޅު ގޮވައިގެން އެކުއްޖާގެ ފަރުވާއަށް ކަމަށެވެ. ޑެލިވަރީ ކޮށްދޭ ވެބްސައިޓުތަކުގެ ނަންބަރުތަކުން މިހާރު ފޯނުވެސް ނުނަގާ ކަމަށާއި ބަލި ކުދިން ގޮވައިގެން ގޮސް ތިބި މީހުން އަނބުރާ ރާއްޖެ އަންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

"ހަގީގަތަށް ބަލާނަމަ ގެންދެވެން އޮންނަ ފުރުސަތުގައި ވެސް އެންމެ އިސްކަމެއް ދޭންވީ ކުޑަދަރީން ގޮވައިގެން މިކޮޅަށް އައިސް މި އުޅޭ އަންހެނުންނަށް. އެކުދީންނަށް ބޭނުންވާ އަސާސީތަކެތި ވެސް މިހާލަތުގައި މި އޮތީ ލިބޭނެ ގޮތެއް ނެތިފަ." އެމީހާ ބުންޏެވެ.

އެހެން މީހަކު ބުނީ އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ގޮސް ދިރިއުޅޭ މީހެއް ކަމަށެވެ. ގޭގައި ހުރި ކާއެތިކޮޅު ހުސްވާން ކައިރިވެފައިވާ ކަމަށް އޭނާ ބުނެއެވެ. އެންމެ ފަހުން ކާފިއު އުވައިލި ދުވަހު ކާއެއްޗެހި ގަންނަން ނުދެވުނީ ބަލި ކުއްޖާ ގޮވައިގެން ގޮސް ކިއުގައި އެހާ ގިނައިރު ނުހުރެވޭނެތީ ކަމަށް އޭނާ ބުންޏެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ގިނަ ބެލެނިވެރިން ބޭސްފަރުވާ އައިސް ދިރި މިއުޅެނީ އެކަނި. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އެމީހުން އުޅޭނީ ވަރަށް ހާލުގައި." ދެވަނަ ބެލެނިވެރިޔާ ބުންޏެވެ.

މީގެ އިތުރުން ބަލިވެގެން ބޭސްފަރުވާއަށް ގޮސް ތިބި އެހެން ބައެއް މީހުންވެސް ވަނީ އެމީހުންގެ ދަތިތަކުގެ ވާހަކަ "ވަން" އާ ހިއްސާ ކޮށްފައެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވަން އަށް ވިދާޅުވީ މިއީ ލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާ ދަނޑިވަޅެއް ކަމުން ވަރަށް ގިނަ ދަތިތަކާ އެންމެން ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ލަންކާގެ ހާލަތަށް ބަދަލެއް ނާންނަ ނަމަ ދެން ކަންކަން ކުރާނެ ގޮތަކާއި މެދުވެސް ދިވެހި ސަރުކާރުން ލަންކާ ސަރުކާރާއިއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން މިދަނޑިވަޅަކީ ފަސޭހަ ދަނޑިވަޅެއް ނޫންކަން. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ގޮންޖެހުމެއްމީ. މީ އެންމެ ގައުމެއްގެ ހާލަތެއް ނޫން. މީ ކްރައިސިސްއެއް. މިދަނޑިވަޅުގައި އެހެން ގައުމުތަކާއި ގުޅޭ ކަންކަން ކުއްލިޔަކަށް ނިންމުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮންނަ ކަމެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެންގެ އެމްބަސީތަކުގެ މުވައްޒަފުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އެޓެންޑް ވަމުން ދަނީ. މިހެން ބުންޏަސް އެންމެންނަށް ބޭނުންވާ ހުރިހާ ކަމެއް އެއް ވަގުތެއްގައި މިދަނޑިވަޅުގައި ނުވެދާނެ." މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން "ވަން"އަށް މައުލޫމާތު ދެއްވަމުން ކޮވިޑް 19 އަށް ކަނޑައަޅާފައިވާ ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެފަދަ ކަންބޮޑުވުން ހުރި މީހުން އެމްބަސީ ނުވަތަ ހައިކޮމިޝަނަށް ރިޕޯޓުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެން ގައުމުތަކުގައި ދިރިއުޅެމުން އައި މީހުން ރާއްޖެ ގެންނަމުން ދަނީ އެތަންތަނުގެ ހާލަތު ދަށްވުމުން ކަމަށާއި ހަމަ އެގޮތަށް ލަންކާގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތަށް ބަލައި ގެންނަން ޖެހިއްޖެ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލަންކާ ސަރުކާރާއި އެބަ މަޝްވަރާ ކުރަން ލަންކާގެ ހާލަތު ގޯސް ނަމަ އަޅުގަނޑުމެންގެ ފްލައިޓްތައް އެގައުމުގައި ޖައްސަން ހުއްދަ ހޯދުމަށް. އަޅުގަނޑުމެންނަށްވެސް އެނގޭ މިދަނޑިވަޅުގައި ރައްޔިތުންނަށް ވަރަށް ދަތިވާނެކަން. އެހެންވެ އަޅުގަނޑުމެން މިދަނީ އެމީހުންނަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން. ދެން ވަގުތުން ވަގުތަށް އަޅުގަނޑުމެންނަށް ކުރެވެން އޮންނާނެ ކަމަކީ އެމްބަސީތަކުން އެމީހުންނަށް ދަތިވެފައިވާ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކޮށްދިނުން" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ރާއްޖެ އަންނަން ބޭނުވާ 4000 ވަރަކަށް ދިވެހީން ލަންކާގައި އެބަ އުޅޭ ކަމަށެވެ. އެހެންކަމުން ކަންކަން ހަމަޖެއްސުމަށް ދަތިތަކެއް ހުންނާނެކަން ފާހަގަ ކުރެއްވިއެވެ. އަދި އެންމެ ދިވެއްސަކަށް ވެސް ސަރުކާރުން އިހުމާލު ނުވެ އެންމެންނާ ދޭތެރޭ އެއް ގޮތަކަށް ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި މިކަންބޮޑުވުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބައްލަވާނެކަމަށް ވެސް މަބުރޫކް ވިދާޅުވިއެވެ.