އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 60 ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީގެ ސެކްރެޓޭރިއެޓް އިން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ލިސްޓު ފޮނުވައިފި އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މި ލިސްޓަށް މިރޭ އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. މި ލިސްޓަށް އިސްލާހު އަޔަސް މައިގަނޑު ގޮތެއްގައި ފާސްވެގެން ދާނީ މި ލިސްޓާ އެއްގޮތަށް ކަމަށް ވަން އޮންލައިން އަށް މައުލޫމާތު ދެއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރަކު ދާދި ދެންމެ ވިދާޅުވި އެވެ.
"ބައެއް ކުދި ކުދި އިސްލާހު އަޔަސް މާބޮޑު ބަދަލެއް ނާންނާނެ." ވަން އޮޮންލައިން އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ އޮފިޝަލު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ބާއްވަން ނިންމާފައި ވަނީ މިރޭ 09:00 ގައި މާބުލް ހޮޓަލުގަ އެވެ. މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެ ޕާޓީން އަންނަ މަޖިލިސް އިންތީޚާބުގައި ވާދަކުރާނެ ދާއިރާތައް ކަނޑައަޅުމެވެ.