މިންހާ ފާއިޒް ރަޝާދު
އިޖުތިމާއީ ގައިދުރުކަން ނުބާއްވާ މީހުން ސިންގަޕޫރުގައި ހަމަހަށް ޖަހަލަށް ލެވޭ ގޮތަށް ގާނޫނެއް ފާސްކޮށްފިއެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގާނޫނުގައި ބުނަނީ ދެމީހަކު އެއްތަނެއްގައި ހުންނަ އިރު އެދެމީހުން ދޭތެރޭ 3.2 ފޫޓު ނެތް ނަމަ ނުވަތަ 10 މީހުނަށްވުރެ ގިނަ މިހުން އެއްތަނެއްގައި ތިބި ކަމުގައިވާނަމަ އެބަޔަކު 10000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާކޮށް ނުވަތަ ހަމަހަށް ޖަލަށް ލެވޭނެ ކަމަށެވެ. މިކަން ހާމަކުރީ ބުރާސްފަތި ދުވަހު އެގައުމުގެ މިނިސްޓްރީ އޮފް ހެލްތުން ނެރުނު ބަޔާނު ގައެވެ.
ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެގާނޫނަށް އަމަލު ކުރަން ފަށާނީ އިއްޔެއިން ފެށިގެން ކަމަށެވެ. އަދި ހަމައެއާއެކު "ސްޓޭ ހޯމް" ނޯޓިސް ދީފައިވާ ފަރާތްތަކަަށްވެސް އެގާނޫނުގެ ދަށުން އަމަލު ކުރާނެ ކަމަށް އޭގައި ވެއެވެ.
އެގައުމުގައި ރެޔާއި ހަމަޔަށް 732 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު ދެމީހަކު ވަނީ މަރުވެފައެވެ. އަދި 183 މީހުން ވަނީ ފަސޭހަވެފައެވެ.
ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ސިންގަޕޫރުގެ ބޯޑަރުތައްވަނީ ވޯކްޕާމިޓް އޮންނަ މެލޭޝިއާގެ މީހުން ފިޔަވައި އެހެން އެންމެނަށް ބަންދުކޮށްފައެވެ.