މުޙައްމަދު އަސްލަމް

ވަޒީރުކަމާ ހަވާލުވި ފަހުން މަސައްކަތް އަވަސްކުރުމަށް އެއްލައްކަ ޑޮލަރު މީހަކު ހުށަހެޅި: އަސްލަމް

ޝަހީދާ އަބްދުﷲ ސައީދު

1

ވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މަޝްރޫއެއް އަވަސްކޮށްދިނުމަށް އެދި 100000 (އެއް ލައްކަ) ޑޮލަރު، މީހަކު ހުށަހެޅި ކަމަށް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅު ދިއްފުށީގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް އަންނައިރު ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތަކެއް އެބަހުރި ކަމަށާއި އެސުލޫތަކުން ބޭރުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެެވެ.

އަސްލަމް ވިދާޅުވީ އެމަނިކުފާނު ވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެސްއެމްއެސް އެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މެސެޖުގައި މަސައްކަތް އަވަސްކޮށްދެއްވައިފި ނަމަ، އެއްލައްކަ ޑޮލަރު ދޭނެ ކަމަށް ބުނެފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމެސެޖަކީ ފެނާއި ނަަރުދަމާ ނިޒާމުގެ މަޝްރޫއާ ގުޅޭ ގޮތުން އައި މެސެޖެއް ކަމަށާއި، ނަމަވެސް އެމަސައްކަތަކީ ހުރިހާ ކަމެއް އަދި މުޅިން ހަމަނުޖެހި އޮތް މަސައްކަތެއް ކަމަށެވެ.

''މަސައްކަތްތައް އަންނަ އިރު ހިފަހައްޓަންޖެހޭ އުސޫލުތަކެއް އޮންނަންޖެހޭނެ. އަޅުގަނޑު ވަޒީރުކަމާ ހަވާލުވިފަހުން މީހަކު ފޮނުވި މެސެޖެއް. އެމީހެއް ނުދަންނަވާނަން. މެސެޖު ކިޔާލިއިރު އޮތީ މަސައްކަތް އަވަސްކޮށްދީފިއްޔާ އެއްލައްކަ ޑޮލަރު އަސްލަމަށް.'' މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެގޮތަށް މެސެޖު ފޮނުވަން ކެރުނީ ކޮރަޕްޝަން އެއީ އޮންނަ އެއްޗެއްކަން އޭނާއަށް ގަބޫލުކުރެވޭތީކަން އެނގިވަޑައިގެންނެވި ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން އެއްވެސް ކަމެއްް ނުކުރާނެ ކަމަށާއި، ކޮންމެ ކަމެއްގައި ވެސް މައުލޫމާތު ރައްޔިތުންނަށް ހާމަކުރާނެ ކަމަށެވެ.

އަދި ކޮރަޕްޝަންގެ އަމަލެއް އުޅޭކަމަށް ގަބޫލުކުރެވޭނަމަ، އެވާހަކަ ދައްކަންވެސް ޖެހޭނެ ކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުވަންވެސް ޖެހޭނެ ކަމަށެވެ. އަދި ވެރިއެއްގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ސާބިތުވެއްޖެނަމަ، އެބޭފުޅަކު ވަކިކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟