ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުގެ ސަބަބުން ﷲ ގެ ރަހުމަތުން އުންމީދު ކަނޑާލައި މާޔޫސްވާން ނުޖެހޭ ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ނޭނގުމުގެ ސަބަބުން ފާފައަކަށް އަރައިގަނެވިއްޖެ ނަމަ، ތައުބާވުމުން އެ ފާފަ ފުއްސަވައި، ރަހުމަތްލައްވާނެކަން އަންގަވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުގެ ސަބަބުން ﷲ ގެ ރަހުމަތުން އުންމީދު ކަނޑާލައި މާޔޫސްވާކަށް ނުޖެހެއެވެ. އެހެނީ، ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީ ނަމަވެސް، އިހުލާސްތެރިކަމާއެކު ތައުބާވެ، ހެޔޮ އަމަލުކުރުމުން ﷲ އެކަލާންގެ އަޅުތަކުންގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވާނެކަން ވަނީ އަންގަވައިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ މީހަކު ނުބައި އަމަލެއް ކޮށްފިނަމަ، އެމީހަކަށް ޖަޒާ ދެއްވަނީ އެމީހަކު ކުރި އަމަލަކާ އެއްވަރަށް ކަމަށާއި ނަމަވެސް ހެޔޮ އަމަލެއް ކޮށްފިނަމަ، އެ އަމަލެއްގެ ޖަޒާ ދިހަ ގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވާ ކަމަށެވެ.
މުސްލިމުންނަކީ ބަލިމަޑުކަމާއި މުސީބާތުގެ ވަގުތުގައި އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާ ބަޔަކު ކަމުގައިވާން ޖެހޭނެ ކަމަށާއި އަދި ކުރިމަތިވެފައިވާ މުސީބާތުން ރައްކާތެރިކޮށްދެއްވުން އެދި ދުއާ ކުރުމާއެކު ސަބަބުތަކުގައި ހިފައި، ކަމާބެހޭ އިދާރާތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް މިއަދު ހުކުރު ހުތުބާގައި ބުނެފައިވެއެވެ.