މިންހާ ފާއިޒް ރަޝާދު
މެލޭޝިއާގެ ޝާހީ ގަނޑުވަރުގެ މުވައްޒަފުންތަކެއް ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއެކު އެގައުމުގެ ރަސްގެފާނު ސުލްތާނު އަބްދުﷲ ސުލްތާނު އަހުމަދު ޝާހު އަދި އަނބިކަބަލުން ކަރަންޓީނުވެ ވަޑައިގެންފިއެވެ.
މިއަދު މެލޭޝިއާގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ގަނޑުވަރުން ކޮވިޑަށް ޕޮޒިޓިވް ވީ ހަތް މުވައްޒަފަކު ކަމަށެވެ. އެ ހަތް މުވައްޒަފުންނަށް ކުއަލަލަމްޕޫރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެބަޔާނުގައި އިތުރަށް ބުނީ އެގައުމުގެ ހެލްތު މިނިސްޓްރީން އަންނަނީ މުވައްޒަފުންނަށް ކޮވިޑް19 ޖެހުނު ގޮތް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
މެލޭޝިއާގެ ރޯޔަލް ހައުސްހޯލްޑުގެ ކޮންޓްރޯލާ ވިދާޅުވީ ރަސްގެފާނާއި ރާނީ ވަނީ ޓެސްޓު ކުރައްވާފައި ކަމަށާއި އެދެބޭފުޅުން ނެގެޓިވްކަމަށެވެ. ނަމަވެސް އެ ދެބޭފުޅުންވެސް އިއްޔެއިން ފެށިގެން 14ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މެލޭޝިއާގައި ކޮވިޑް19 އަށް 2031 މީހުން ޕޮޒިޓިވް ވެފައިވާއިރު 23 މީހަކު ވަނީ މަރުވެފައެވެ. 199 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ރަސްގެފާނު ސުލްތާނު އަބްދުﷲ ސުލްތާނު އަހުމަދު ޝާހު އަކީ މެލޭޝިއާގެ 16ވަނަ ރަސްގެފާނެވެ.