އަންނަ މާޗުމަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް މިރޭ ކަނޑައަޅަން އެޕާޓީން ނިންމައިފި އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މިރޭގެ ޖަލްސާ އޮންނާނީ 9:00 ގައި މާބުލް ހޮޓަލުގަ އެވެ. ޖަލްސާގެ ނޯޓިސް މިހާރު ވަނީ ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުވާފަ އެވެ.
އެޖެންޑާގައި ވަނީ "2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުން" އެކަންޏެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން ކޯލިޝަން ލީޑަރުންގެ މެދުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އެކަމަށް ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ. އެދުވަހުގެ ޖަލްސާއަށް ފަހު ލީޑަރުން ވިދާޅުވީ އެކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.