ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަންގެ ޕާޓްނަރުން ގުޅިގެން 45 ދާއިރާ އަށް އަދި ވަކިވަކީން 42 ދާއިރާއަށް ނިކުމެވޭ ގޮތަށް އެމްޑީޕީން ހުށަހަޅައިފި އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮތަށް ހުށަހެޅި ނަމަވެސް އަދި ވަނީ މުޅީން ފައިނަލު ނުކުރެވިފަ އެވެ.
ކޯލިޝަންގެ އިސް ބޭފުޅަކު ވަން އޮންލައިން އަށް މިއަދު ހެނދުނު ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައި ވަނީ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި އެ ޕާޓީން 21 ދާއިރާ އަށް، ޖޭޕީން 20 ދާއިރާ އަށް، އެމްއާރްއެމް އިން ތިން ދާއިރާ އަށް އަދި އަދާލަތުން އެއް ދާއިރާއަށް ނިކުތުމަށެވެ.
"ބާކީ އޮންނަ 42 ދާއިރާ އަށް ހުރިހާ ޕާޓްނަރުންނަށް ވެސް ނިކުމެވޭ ގޮތަށް ހުޅުވާލާފަ ބާއްވަން. އެ ތަންތަނަށް ހުރިހާ ޕާޓްނަރުން ވެސް ބޭނުން ނަމަ ކުރިމަތިލެވޭނެ." ވަން އޮންލައިން އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.
މި ގޮތަށް ކޯލިޝަން ޕާޓްނަރުންގެ މެދުގައި އެއްބަސްވެ ފައިނަލުކޮށްފި ނަމަ އެމްޑީޕީއަށް 63 ދާއިރާއަށް، ޖޭޕީއަށް 62 ދާއިރާ އަށް، އެމްއާރްއެމް އަށް 45 ދާއިރާ އަދި އަދާލަތަށް 43 ދާއިރާއަށް ވާދަކުރެވޭނެ އެވެ.
ވަން އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކޯލިޝަން ލީޑަރުންގެ މެދުގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ހުށަހެޅުއްވީ އެ ޕާޓީން 87 ދާއިރާއަށް ވެސް ވާދަކުރަން ބޭނުންވާ ކަމަށެވެ.
އެހެން ނަމަވެސް އެ ހުށަހެޅުމަށް ޖޭޕީ އާއި އެމްއާރްއެމް އަދި އަދާލަތުން ވަނީ ވަގުޅުން ދެކޮޅު ހަދައިފަ އެވެ. 45 ދާއިރާއަށް ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ވާދަކޮށް އަނެއް ދާއިރާތައް ހުޅުވައިލައިފައި ބޭއްވުމުގެ ހުށަހެޅުއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހުށަހެޅުއްވުމެއް ކަމަށް ވަން އޮންލައިން އަށް މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވި އެވެ.
"އެއީ އަސްލު ކުރީން ވެސް ކޯލިޝަންގެ މެދުގައި މަޝްވަރާކުރެވެމުން އައި ފޯމިއުލާއެއް. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޮތީ އެ ގޮތަށް ލީޑަރުންނަށް ހުށަހަޅަން އެމްޑީޕީގެ ރައީސް ނަޝީދަށް އަންގަވާފަ. ކަމަށް ވަނީ" އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 45 ދާއިރާއަށް ކޯލިޝަނުން ގުޅިގެން ވާދަކުރުމުގެ ފޯމިއުލާ އަކީ، މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލަ ވައްދަން ސޮއިކުރި 45 މެންބަރުންގެ އަދަދަށް ބަލައިގެން ހަދާފައި އޮތް ފޯމިއުލާއެއް ކަމަށެވެ. އެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑަށް ރެނދުލައި ގޯސްތައް ހައްދަވަން ފެއްޓެވި ކަމަށް ގަބޫލުކުރެވޭ ހިސާބަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެ 45 މެންބަރުން ތިއްބެވި ދާއިރާތައް އެޕާޓީ ތަކަށް ދޭން ނިންމައި އެހެން ހުރިހާ ދާއިރާތައް ހުޅުވައިލީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ކުރީން އޮތީ އެ ޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް އިއްޔެ އިއުލާނުކުރާ ގޮތަށެވެ. އެހެން ނަމަވެސް އެކަން ވަނީ ލަސްކޮށްފަ އެވެ. މިހާރު އޮތް ގޮތުން ނަމަ މިރޭ އެ ޕާޓީން ވާދަކުރާ ދާއިރާތައް އިއުލާނު ކުރާނެ އެވެ.