އިންޑިއާ

ރާއްޖެއަށް ކާޑުގެ ދަތިކަމެއް ކުރިމައްޗެއް ނުވާނެ: އިންޑިއާ ސަރުކާރު

މަރިޔަމް ޝަހުދާ

ގަނޑުކޮށް ކާޑުގެ ބާވަތްތައް ގަތުމުގެ ބޭނުމެއް ނެތް ކަމަށާއި، ރާއްޖެއަށް ކާޑުގެ ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ބުނެފިއެވެ.

އިންޑިއަން ހައި ކޮމިޝަންގެ ރަސްމީ ޓުވިޓާ އެކުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އިންޑިއާ އިން ރާއްޖެއަށް ހަނޑޫ، ހަކުރު އަދި ފުށް ލިބޭނެ ކަމަށެވެ.

މި ޓުވީޓުގައި ބުނީ، ވަރަށް އަވަހަށް 20 ދުވަހަށް ވާ ވަރަށް ރާއްޖެއަށް އިންޑިއާއިން ހަނޑުލާއި ހަކުރު އެތެރެ ކުރާނެ ކަމަށެވެ.

އޭގެ އިތުރުން 1500 މެޓްރިކް ޓަނުގެ ހަނޑޫ އަދި 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ރާއްޖެއަށް ފޮނުވުމަށް ޓުޓިކޮރިން ޕޯޓުގައި ލޯޑު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަދާ ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނެއެވެ.

ކޮވިޑް 19ގެ ސަބަބުން އިންޑިއާ ވަނީ މިއަދުން ފެށިގެން 21 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.

ރާއްޖެއަށް ކާޑުގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވާ އިރު، ރާއްޖޭގެ ރައްޔިތުންނަށް ކާޑުގެ ދައްޗެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެސްޓީއޯއިން ވެސް ވަނީ އެ ޔަގީންކަން ދީފަ އެވެ.