އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި ގައުމުގެ ހާލަތު ވީ އެންމެ އަވަހަކަށް އެ ފަރާތާ ހިއްސާ ކުރުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިް މުހައްމަދު ސޯލިހަށް ގޮވާލައިފިއެވެ.
އެކަމަށް ގޮވާލައި އެ ކޯލީޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް 19 އާ ގުޅިގެން އިންސާނިއްޔަތަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވެ، ގައުމުތަކުގެ އިގްތިސާދު އެފުށް މިފުށަށް ޖެހެމުންދާ މިދުވަސްވަރު، ގައުމުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ގައުމުގެ މަސްލަހަތު އިސް ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލާ ކަމަށެވެ. އަދި މިހާލަތުން އަރައިގަތުމުގައި ޕާޓީގެ މަސްލަހަތު ދޫކޮށް ގައުމީ އެއްބައިވަންތަކަމަށް ޖާގަ ދެއްވުން ވާނީ ކޮންމެ ރައްޔިތެއްގެ ރައްކާތެރި ކަމަށާއި، ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރުމަށް އެޅޭ ފިޔަވަޅަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
ސަރުކާރުން މިހާތަނަށް އިއުލާން ކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަމުގެ ޕްރޮގްރާމުން އާއްމު ރައްޔިތުންނަށް ސީދާ އަސަރެއް ނުކުރުމުގެ އިތުރުން، ވިޔަފާރިތަކަށާއި، އިގްތިސާދަށް އެ ފައިސާއިން ކުރަން ގަސްތު ކޮށްފައިވާ އެއްވެސްކަމެއްގެ ތަފްސީލު މިހާތަނަށް އާއްމު ކޮށްފައި ނުވުމަކީ ސުވާލު އުފެދޭ ކަމެެއް ކަމަށްވެސް ބުނެފައި ވެއެވެ.
ހަމަ އެފަދައިން އެފައިސާއިން އެހީ ދޭނެ ގޮތުގެ ތަފްސީލެއް ނެތުމާއި، ފައިސާ މެނޭޖް ކުރުމުގައި ދެފުށް ފެންނަ ހަރުދަނާ އުސޫލެއް މިހާ ހިސާބަށް އައިއިރުވެސް ގާއިމު ވެފައި ނުވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
"މީގެ އިތުރުން މިހާލަތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ ކާނާ އާއި، ބޭސްފަދަ ބާވަތްތަކާއި ފިޔާ، ބިސް، ތަރުކާރީ، މޭވާ ފަދަ ބާވަތްތައް ދަތި ނުވެ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކޮށްދިނުމަށްވެސް ސަރުކާރަށް ގޮވާލަން. އެހެން މިދެންނެވީ އެބާވަތްތައް ރާއްޖެއަށް އާއްމުކޮށް އެތެރެކުރާ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައިވާތީ، އޭގެ ތެރޭގައި ޕާކިސްތާނާއި މެލޭޝިއާ އަދި އިންޑިއާ ފަދަ ގައުމުތައް ހިމެނޭ،" ކޯލީޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޑޮލަރު ސާކިއުލޭޝަން އާއި ޑޮލަރުގެ އަގާއި، ޑޮލަރު ލިބުމަށް ހުރަސްތަކެއް ވާނަމަ އެކަންވެސް ސާފުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައިވެއެވެ. އަދި ރާއްޖޭގެ ގިނަ ރިސޯޓްތަކާއި ގެސްޓުހައުސް ތަކާއި ސަފާރީތައް ބަންދު ކޮށްފައިވާ މިދަނޑިވަޅުގައި އެފަރާތްތަކުގައި ވަޒީފާ އަދާކުރާ އެތައްހާސް ދިވެހިންނެއްގެ ވަޒީފާ ގެއްލުން ފަދަ ފޫ ނުބެދޭ ވަރުގެ ގެއްލުންތަކަކީ ފުން ވިސްނުމެއްގައި ސަރުކާރުން ހިއްސާ ކުރަން ޖެހޭ ކަންތައް ކަމަށްވެސް ބުނެފައި ވެއެވެ. މިފަދަ ވަގުތެއްގައި ޕެންޝަން ފަންޑުން ކުރެވޭނެ ބޭނުންތައް ދެނެގަނެ އަަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލާފައި ވެއެވެ. އަދި ޕެންޝަން ފަންޑުގެ ސީއީއޯއެއް ނެތްކަން ފާހަގަކޮށް ވީ އެންމެ އަވަހަކަށް އެތަނަށް ވެރިޔަކު އިސްކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.