ޝަހީދުންގެ ދުވަސް

ޝަހީދުންގެ ދުވަސް ދަސްކޮށްދޭ އެންމެ އަގުހުރި ފިލާވަޅަކީ ތިމާއާ ހަވާލުކުރޭ ޒިންމާ ފުރިހަމަގޮތުގައި އަދާކުރުން: އިމްރާން

އިބްރާހިމް ޒަކީ

ޝަހީދުންގެ ދުވަސް ފާހަގަ ކުރަމުން އަންނައިރު، ޝަހީދު އަލިރަސްގެފާނުގެ ޖިހާދުން އަޅުގަނޑުމެންނަށް އުނގަންނައިދޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ ކިތަންމެ ބައިމަދު ކަމުގައިވިޔަސް ނުވަތަ ތިމާއެކަނި ހުންނަން ޖެހުނު ކަމުގައިވިޔަސް ހައްގު ގޮތުގައި ސާބިތުވެ ހުރެ ތިމާގެ ވަތަނަށް ހިދުމަތްކުރުން މަތީ ދެމިހުންނަން ޖެހޭކަން ކަމަށާއި، ތިމާއާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ ޒިންމާ ފުރިހަމަގޮތުގައި އުފުލަން ޖެހޭކަން ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، "އަޅުގަނޑުމެން ދިވެހިންނަކީ ކިތަންމެ ބައިމަދު ބައެއްކަމުގައިވިޔަސް، އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމުގެ މިނިވަންކަމާއި، އަމިއްލަވެރިކަމާއި، މި ރާއްޖޭގައި ގަރާރުވެފައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި އަދި ޒަމާނުއްސުރެ ދިވެހިން ތަބާވެގެން މިތިބަ އިސްލާމް ދީނުގެ މަތިވެރި ރިސާލަތުގެ މުހިންމުކަމަކީ ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ އަގުހުރި ފިލާވަޅު،" ކަމަށެވެ.

އެ އަސާސްތަކަށް ފަރުވާކުޑަކޮށް ދޫކޮށްލުމުން އަޅުގަނޑުމެން ކުރިމަތިލާންޖެހުނު ނިކަމެތިކަމާއި ހިތްދަތިކަމަކީ އެދުވަހާ ވިދިގެން އެތައް ޒަމާނެއް ވާންދެން ހިނގަމުންދިޔަ ހާދިސާތައް އަޅުގަނޑުމެންނަށް މުހިއްމު އިބްރަތްތަކެއް ހަނދާން ކޮށްދޭ ކަމަށްވެސް ވިދާޅުވިއެެވެ.

ހަމަ އެހެންމެ، ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއް ކަމަކީ ގައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަކީ ހަމައެކަނި ވެރިކަމުގެ ފަރާތުން ކުރާ މަސައްކަތުން ހާސިލުކުރެވޭނެ ކަންކަމެއް ނޫންކަން ކަމަށްވެސް ވިދާޅުވިއެވެ.

"އެކަންކަަމަކީ، ދިވެހި ޒުވާނުން އެއިން ފިލާވަޅު ލިބިގަނެ އޭގެ މައްޗަށް ބިނާކޮށް، އުޅުމާއި އަހުލާގާއި އަދި ގައުމީ ހިދުމަތް ބިނާކުރަންވީ ކަންކަން. މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަލިރަސްގެފާނާއި އެ ރަސްގެފާނުގެ ބައިވެރިންފަދައިން ގައުމަށް ހިދުމަތްކުރާ، އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރާ ބަޔަކަށް ވާން. އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް ވާންވީ މިރާއްޖެއާއި މިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުމަށް އެމީހަކު އަދާކުރަން ޖެހޭ ޒިންމާ ފުރިހަމަޔަށް އަދާކުރާ މީހަކަށް،" އިމްރާންގެ ހިތާބުގައި ވިދާޅުވިއެވެ.