އިބްރާހިމް ޒަކީ
އަވަހަށް ފޯދޭ ޒާތުގެ މޭވާއާއި ތަރުކާރީ ހެއްދުމަށް ރައްޔިތުންނަށް ހިތްވަރު ދިނުމަކީ ކޮންމެ ރަށެއްގެ ކައުންސިލަކުންވެސް މިވަގުތު އެންމެ އިސްކަން ދޭން ޖެހޭނެ ކަންތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވެދާނެ ކަމަަށް އިޝާރާތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި އަލީ ހުސެއިން ވިދާޅުވީ، ގޯތި ތެރެޔާއި މަގުގެ ދެފަރާތާއި ރަށުގައި އޮތް ހުރިހާ ތަނެއްގައި ގަސް އިންދައި ފުރާލަންވީ ކަމަށެވެ.
"އަވަހަށް ފޯދޭ ޒާތުގެ މޭވާ އާއި ތަރުކާރީ ހެއްދުމަށް ރައްޔިތުންނަށް ހިތްވަރުދިނުމަކީ ކޮންމެ ރަށެއްގެ ކައުންސިލަކުންވެސް މިވަގުތު އެންމެ އިސްކަން ދޭން ޖެހޭނެ ކަންތައް. ގޯތި ތެރެޔާއި މަގުގެ ދެފަރާތާއި ރަށުގަ އޮތް ހުރިހާ ތަނެއް ގަސް އިންދާ ފުރާލަންވީ." އަލީ ހުސެއިން ވިދާޅުވިއެވެ.
އެގޮތަށް ހެއްދުމަށް ބިންބިއަށްވުރެ މޮޅު ކާނާއެއް ނޯންނާނެ ކަމަށްވެސް، އެހެން ބޭފުޅަކު ކުރެއްވި ޓުވީޓަކަށް ޖަވާބު ދެއްވަމުން އަލީ ހުސެއިން ވިދާޅުވެފައި ވެއެވެ. އެގޮތުން ބިންބި ކުރާތަކަކީ ކިތަންމެ ދުވަހެއް ވަންދެންވެސް ރައްކާކޮށްފައި ބެހެއްޓޭނެ އެއްޗެއް ކަމަށް ވިދާޅުވެފައި ވެއެވެ.
ކޮވިޑް 19 އާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމާއި ގެއިން ބޭރަށް ނުނިކުތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުން އަންނައިރު، ގޭގެއަށާއި ރަށްރަށަށް ބޭނުންވާ ކާޑާއި ކާބޯތަކެރި ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިހާތަނަށް ރާއްޖޭން 13 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވި އިރު އޭގެ ތެރެއިން ފަސް މީހުން މިހާރުވަނީ ރަނގަޅު ވެފައެވެ.