މިއަހަރުގެ ޖުލައިން އޮގަސްޓަށް ބާއްވަން އޮތް އޮލިމްޕިކްސް ގޭމްސް "ޓޯކިޔޯ 2020" އަންނަ އަހަރު ބޭއްވުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19އާއި ގުޅިގެން އެ ގޭމްސްގައި ބައިވެރިވާ ގައުމުތަކުން އެދެމުން ދިއުމުންނެވެ.
ޖަޕާނުގެ ޓޯކިޔޯގައި ޖުލައި 24އިން އޮގަސްޓް ނުވަޔަކަށް ބާއްވަން ނިންމާފައި އޮތް ގޭމްސް ދެން އޮންނާނީ އަންނަ އަހަރުގެ ހޫނު މޫސުމަށް ވުރެ ފަސްނުވާނެ ތާރީހެއްގަ އެވެ. އަންނަ އަހަރު ބޭއްވި ނަމަވެސް، ގޭމްސް ބްރޭންޑްކުރާނީ "'އޮލިމްޕިކްސް 2020" ގެ ގޮތުގަ އެވެ.
ޔޫރަޕްގެ ގައުމުތަކުގެ އޮލިމްޕިކް ހަރަކާތްތައް އިންތިޒާމް ކުރާ ޖަމިއްޔާތަކުންނާއި އޮލިމްޕިކްސްގެ ބައިވެރިންނާއި ކުރީގެ ޗެމްޕިއަނުންވެސް އައީ ކޮވިޑް 19ގެ ވަބާ މުޅި ދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ގޭމްސް ފަސްކޮށްދިިނުމަށް އެދެމުންނެވެ.
ކޮވިޑް 19ގެ ސަބަބުން މުޅި ދުނިޔޭގެ ކުޅިވަރު ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާއިރުވެސް ޖަޕާނުގައި މިއަހަރުގެ ޖުލައިން އޮގަސްޓަށް ބާއްވާ އޮލިމްޕިކް ގޭމްސް ފަސް ނުކުރާނެ ކަމަށް ޖަޕާނާއި އައިއޯސީން ތަކުރާރުކޮށް ބުނެފައިވާތީ އެ ކޮމިޓީއަށް އައީ ފާޑުކިއުންތައް އަމާޒުވަމުންނެވެ.
މިއަހަރުގެ އޮލިމްޕިކްސް ގޭމްސް ބާއްވާ ގައުމު ކަމުގައިވާ ޖަޕާނުން ވަނީ އެގޭމްސް އަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔޭގެ ކުޅިވަރަށް ވަނީ އޭގެ އަސަރުކޮށްފައެވެ. އެގޮތުން ކުޅިވަރުގެ ހުރިހާ ހަރަކާތެއް ކަހަލަ ގޮތަކަށް މިހާރު ވަނީ ހުއްޓާލައިފައެވެ.