މިނިސްޓަރު އިމްރާން އަބްދުﷲ

އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް، ދޭ އިރުޝާދުތަކަށް އަމަލުކުރަން ހޯމްމިނިސްޓަރު އިލްތިމާސްކުރައްވައިފި

އިބްރާހިމް ޒަކީ

އަޅުގަނޑުމެން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަ ކުރަމުން އަންނަ ޝަހީދުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ޝަހީދު އަލިރަސްގެފާނު ދިވެހިންގެ ސަލާމަތަށްޓަކައި ކުރެއްވި އަގުހުރި ޖިހާދުގެ ޒިކުރާ މިއަދު އާކުރަމުން އަންނަ ހިނދު، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި އާއިލާއާއި ގާތްތިމާގެ މީހުން ދޫކޮށް، ފުރާނަ އަތްމައްޗަށް ލައިގެން ނިކުމެ ގައުމީ ހިދުމަތުގައި ތިބި އެތައް ދިވެހި ދަރީންނެއް ގައުމުގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރަން ޖެހޭ ކަމަށެވެ.

ނޮވެލް ކޮރޯނާގެ ސަބަބުން މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ ހިނދު، ގައުމީ ޖިހާދުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ސަލާމަތީ ހިދުމަތްތަކާއި ދަރުމަވެރިންނާއި އެހެންވެސް ފަރާތްތަކުން ވަމުން އަންނަ ގުރުބާނީއަކީ ޝުކުރާއި ތައުރީފު ހައްގު ގުރުބާނީއެއް ކަމަށްވެސް ވިދާޅުވިއެވެ.

މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މިނުރައްކާތެރި ބަލިމަޑުކަމާ ދެކޮޅަށް ދިވެހިރާއްޖެއިން ވެސް އުދަނގޫ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އާންމު ސިއްހަތަށް ނުރައްކާވާ މިންވަރު ކުޑަކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކާ ގުޅިގެން އިގުތިސާދު ހީނަރުވެ އާންމު ދިރިއުޅުން މަޑުޖެހެމުންދާ މިވަގުތަކީ އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް އެމީހެއްގެ ގައުމީ ވާޖިބު އަދާކޮށް ފަރުދީ ޒިންމާ ފުރިހަމަކުރަންވީ ވަގުތު ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މިއަދު އަޅުގަނޑުމެނާ ކުރިމަތި ވެފައި މިވާ ފަދަ ނުރައްކާތަކުން މިންޖުވުމަށްޓަކައި މުޖުތަމައުގެ ހުރިހާ ފަރުދުން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ކަމަށާއި ސަރުކާރުގެ ލަފަޔާއި އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރަންޖެހޭކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައިބައިވުމާއި ފިތުނަ ފަސާދަ އުފެދޭ ބާވަތުގެ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން ބޮޑުކަން މިނސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ، އާންމު ސިއްހަތަށް ނުރައްކާވެ، އިގުތިސާދީގޮތުން މިރާއްޖެއަށް ތަހައްމަލުކުރަން ދަތި ހާލަތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.