މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ، (އެމްއޭސީއެލް)އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، (ވީއައިއޭ)ގެ އެކި ސަރަހައްދު ތަކުގައި އަތް ދޮންނަން ތަށި ހަރުކޮށްފިއެވެ.
އެމްއޭސީއެލުން ކުރި ޓުވީޓެއްގައި ބުނީ މި އަތް ދޮންނަ ތަށިތައް ހަރުކޮށްފައިވަނީ ކޮވިޑް 19 ފެތުރުމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ.
މީގެ އިތުރުން ކޮވިޑް 19 އާއި ދެކޮޅަށް އެމްއޭސީއެލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ވަނީ އިޖުތިމާއީ ގައިދުރުވުމަށް ސަމާލުކަން ދިނުމަށްޓަކައި ވީއައިއޭގެ ކެންޓީނުގެ އިށީންނަ ގޮނޑިތައް ބަދަލު ކޮށްފައެވެ.
ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން އަތް ދޮވެ، އަތް ސެނެޓައިޒް ކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.